މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މަޖިލިސް މެމްބަރުންތަކެއް ސަރުކާރު ހިންގާ މައި ޕާޓީ ކަމަށްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ބަދަލުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ ފަސް މެމްބަރަކު ވަނީ އެ ޕާޓީ ދޫކޮށް ޕީއެންސީއަށް ބަދަލުވުމަށް ނިންމައިފަ އެވެ. އަދި އެ މެމްބަރުން ވަރަށް އަވަހަށް ޕީއެންސީއަށް ސޮއިކުރައްވާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށް އަންނަނީ ބޮޑެތި އޮފާތަކެއް އެޕާޓީއަށް ބަދަލުވުމަށް ދެމުންނެވެ. އެގޮތުން ސަރުކާރުގެ މަތީ މަގާމުތައް ވެސް އެ މެމްބަރުންނަށް ދަނީ ހުށަހަޅަމުންނެވެ.

މަޖިލީހުގެ 56 މެންބަރުން ތިއްބަވާ އެމްޑީޕީގެ ބައެއް މެންބަރުން ސަރުކާރު ހިންގާ މައި ޕާޓީއަށް ބަދަލުވެފައިވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭނެ ކަމަށް އެމްޑީޕީން ބުނަމުން އަންނަ ދަނޑިވަޅެއްގަ އެވެ. އަދި، އެ ޕާޓީން ވަނީ ރައީސާއި ނައިބު ރައީސް އަޒުލުކުރަން ފަސޭހަވާގޮތަށް މަޖިލީހުގެ ގަވާއިދު ވެސް ބަދަލުކޮށްފަ އެވެ.

މަޖިލީހުން އަދިވެސް އާ ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށް ރުހުންދީފައެއް ނުވެ އެވެ. އެންމެ ފަހުން އޮތް މަޖިލީހުގެ ޖަލްސާއަށް ވަޒީރުންނަށް ރުހުންދޭން އެޖެންޑާ ވެސް ކުރިއެވެ. އެކަމަކު، ވުޒާރާތަކުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އެކަށައަޅާފައި ނެތް ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެ ދުވަހު ނިންމެވީ ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވައިލާށެވެ.

އޭގެ ފަހުން ހަފުތާއެއް ވެފައިވާއިރު، އަދިވެސް ވަޒީރުންނަށް ރުހުންދިނުމާ ގުޅޭ ކޮމިޓީ ބޭއްވިފައެއް ނުވެ އެވެ.