އިސްރާއީލުން ވައިގެ މަގުން ސީރިއާ އަށް ދިން ހަމަލާއެއްގައި އީރާންގެ ރިވޮލިއުޝަނަރީ ގާޑްގެ ކޮމާންޑަރު ސައްޔިދު ރަޒީ މޫސާވީ ޝަހީދުކޮށްލުމާ ގުޅިގެން އެކަމުގެ ބަދަލު ހިފާނެ ކަމަށް އީރާނުން ބުނެފި އެވެ.

ސީރިއާގެ ދިމިޝްގުގެ ސައްޔިދާ ޒައިނަބު ނަމަކަށްކިޔާ ސަރަހައްދަކަށް ދިން ހަމަލާގައި އަވަހާރަކޮށްލި މޫސާވީއަކީ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްގެ އިސް މުޝީރެކެވެ. އަދި ސީރިޔާގައި އޮންނަ "ރެސިސްޓެންސް ސަޕޯޓް ޔުނިޓް" ގެ ވެރިޔާ އެވެ. އިސްރާއީލުން މޫސާވީ އަވަހާރަކޮށްލީ، އޭނާ ހުންނެވި އިމާރާތަކަށް ދިން މިސައިލް ހަމަލާއެއްގަ އެވެ.

އީރާނުގެ ރައީސް އިބްރާހިމް ރައީސީ ވެސް ވިދާޅުވީ މޫސާވީ އަވަހާރަކޮށްލުމުގެ އަގު އިސްރާއީލުން އަދާކުރަން ޖެހޭނެ ކަމަށެވެ.

"މިއީ، ސަރަހައްދުގައި އޮތް ޒަޔަނިސްޓު ދައުލަތް މާޔޫސްވެ، ނާގާބިލްވުމުން ހިންގި އަމަލެއް" އީރާންގެ ރައީސް ވިދާޅުވި އެވެ.

މޫސާވީ އަވަހާރަކޮށްލުމާ ގުޅިގެން އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްއިން ނެރުނު ބަޔާނެއްގައި ވަނީ މޫސާވީ އަވަހާރަވި ކަން ކަށަވަރުކޮށް ދީފަ އެވެ. އަދި އިސްރާއީލުން އޭގެ އަގު އަދާ ކުރަން ޖެހޭނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

މޫސާވީ އަވަހާރަކޮށްލުމާ ގުޅިގެން އީރާންގެ ފަރާތުން ރައްދު ހަމަލާތަކެއް އަންނާނެ ކަމަށް ބަލައި އިސްރާއީލްގެ އަސްކަރިއްޔާ އިން މިހާރު ވަނީ އެކަމަށް ތައްޔާރުވާން ފަށައިފަ އެވެ.

މޫސާވީ އަވަހާރަކޮށްލަން އުޅޭތާ ވަރަށް ގިނަ ދުވަސްވެއްޖެ އެވެ. މޫސާވީއަކީ އެމެރިކާ އިން 2020 ވަނަ އަހަރު އިރާގުގެ ވެރިރަށް ބަޣްދާދަށް ދިން ޑްރޯން ހަމަލާއެއްގައި ޝަހީދުކޮށްލި އިރާންގެ ރިވޮލިއުޝަނަރީ ގާޑްގެ ޖެނެރަލް ގަސަމް ސުލައިމާނީއާ އެކީގައި ވަރަށް ގާތް ގުޅުމެއް ބޭއްވެވި ބޭފުޅެކެވެ.