ރާއްޖޭގައި ހުދުމުހުތާރުކަން އާލާވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތުގައި އެމްޑީޕީ ދާނީ ކުރިއަށް ކަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއަށް ނިސްބަތްވާ 13 މެމްބަރަކު ރޭ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށް ސޮއިކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީއާ ވަކިވެ ދިޔަ މަޖިލިސް މެމްބަރުން ޕާޓީއަށް ކޮށްދެއްވި މަސައްކަތަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ރާއްޖޭގައި ހުދުމުހުތާރުކަން އާލާވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތައިގެން އެމްޑީޕީ ދާނީ ކުރިއަށް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީގެ 13 މެމްބަރަކު ޕީއެންސީ އަށް ސޮއިކުރައްވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕީއެންސީ އަށް ގެންނަން ފައިސާ ހުށަހަޅަމުންދާ ކަމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން އިއްޔެ ވަނީ މަޖިލީހުގެ ޖަލްސާގައި ތުހުމަތު ކުރައްވައިފަ އެވެ. ނަމަވެސް އެ ތުހުމަތުތައް ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ.

އެމްޑީޕީ މެމްބަރުން ސޮއިކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު މަގާމުން ދުރުކުރުމަށް އެމްޑީޕީން ކުރާ މަސައްކަތާ އެމްޑީޕީގެ ހުރިހާ މެންބަރުން އެއްކޮޅު ނޫން ކަމަށެވެ. އެ މަސައްކަތާ ދެކޮޅު މެންބަރުން އަދިވެސް އެމްޑީޕީގައި އެބަތިއްބެވި ކަމަށެވެ.

"މަޖިލިސް ރުހުމުގެ ވޯޓުގައި ވިޔަސް އަދި ގައިމު ވެސް އަޅުގަނޑާ ދެކޮޅަށް އެ މަސައްކަތް ކުރާ [އިތުބާރު ނެތް ކަމުގެ] ވޯޓު ނެގުމުގައި ވެސް އިނގިލި ބުރިކޮށްލިޔަސް ވޯޓު ނުދޭނެ އެމްޑީޕީގެ މަޖިލިސް މެމްބަރުން އެބަތިއްބެވި. އެކަން އަޅުގަނޑަށް އެނގޭ،" ރައީސް ވިދާޅުވި އެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޓިކެޓުގައި 67 މެންބަރުން އިންތިހާބުވި އެވެ. ނަމަވެސް އެމްޑީޕީގެ މެންބަރުންތަކެއް ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމާ އެކު އެ ޕާޓީއަށާއި އަދި ރޭ ޕީއެންސީއަށް އެމްޑީޕީގެ މަޖިލިސް މެންބަރުންތަކެއް ސޮއިކުރެއްވުމާ ގުޅިގެން މަޖިލީހުގައި މިހާރު ތިބީ އެމްޑީޕީގެ 43 މެންބަރުންނެވެ.