ޑީއެޗްއެލްގެ ވޭނެއް ހުއްޓުވައި މުދާތަކެއް ފޭރުނު މައްސަލާގައި ދެ މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ފުލުހުން ބުނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު ޑީއެޗްއެލްގެ މުދާތަކެއް ފޭރުނު މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މިމައްސަލާގައި ހައްޔަރުކޮށްފައި ވަނީ މާލެއަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަހަށް އެ ދެ މީހުން ބަންދުކުރަން އަމުރުކޮށްފަ އެވެ.

ކޯޓުން ނެރުނު އަމުރުތަކުގައި ބުނެފައިވަނީ މި އަމަލު ހިންގާފައިވަނީ ކާކުކަން ނޭނގޭ ގޮތަށް މޫނު ނިވާކޮށްގެން ތިބެ ކަމަށާއި ދެ ފަހަރެއްގެ މަތިން ޑީއެޗްއެލްގެ ވޭނަށް އަރައި ދެ ފޮށިގަނޑު ފޭރިގެންފައިވާ ކަމަށެވެ. އެ ތަކެއްޗަކީ އާންމުންގެ ތަކެތި ކަމަށް ވެސް އަމުރުގައި ބުނެފައިވެ އެވެ.

ފޭރުނު އެއް ފޮށިގަނޑު މިހާރު ހޯދިފައިވާއިރު އޭގައި އެއްވެސް އެއްޗެއް މުދަލެއް ނެތް ކަމަށް ފުލުހުންނާ ހަވާލާދީ އަމުރުގައި ބުނެފައިވެ އެވެ.