ރީތި މޫނަކަށްޓަކައި ގިނަ ބަޔަކު ގިނަ މަސައްކަތްތަކެއް ކުރެ އެވެ. މިފަހަރު މި ބަލާލަނީ ވަރަށް ފަސޭހައިން ކުރެވޭނެ ކަމަކަށެވެ. މޫނަށް އާވި އެރުވުމަކީ މޫނުގެ ހަންގަނޑު ސާފުކޮށްދޭ ކަމެކެވެ. އޭގެ ސަބަބުން މޫނުގައި ބިހި ނެގުމުން ފަދަ ކަންކަމުން ދުރު ކޮށްދެ އެވެ.
މޫނަށް އާވި އެރުވުމުން ބެދިފައި ހުރި ޕޯސްތައް (ހަންގަނޑުގައި ހުންނަ ލޯވަޅުތައް) ހުޅުވި އޭގެ އެތެރޭގައި ހުންނަ ޖަރާސީމުތަކާއި ކިލާތަކާއި ނުފިލައި ހުރި މޭކަޕްތައް މުޅިން ސާފުވެ އެވެ. އެހެންވުމުން މޫނުގެ ހަންގަނޑު މަޑުވެ ރީތިވެ އެވެ.
މާހައުލު ފިނި ނަމަ ހަންގަނޑުގައި ހުންނަ ޕޯސްތަކަށް ކިލާތައް ފަސޭހަކަމާ އެކު ވަދެ ހަރުލަ އެވެ. ސްޓީމް ކުރުމުން ބިހި ނެގުމުން ދުރުކޮށްދިނުމުގެ އިތުރުން ނަގާފައި ހުންނަ ކުދި ބިހިތައް ފިލަ އެވެ.
އާއްމު ގޮތެއްގައި ސްޓީމް ކުރުމަށް ގިނަ މީހުން ދަނީ ތަފާތު ސެލޫންތަކަށެވެ. އެކަމަކު ގޭގައި ވެސް މޫނު ސްޓީމްކޮށްލެވިދާނެ އެވެ. ތެޔޮ ހަންގަނޑެއް ހުންނަ މީހެއް ނަމަ ރަނގަޅު ވާނީ މިންޓް ނުވަތަ ލުނބޯ ފަދަ އެއްޗެކެވެ. އާދައިގެ ހަންގަނޑެއް ނަމަ ރޯސްމެރީ ކަހަލަ ބާވަތެއް ރަނގަޅު ވާނެ އެވެ.
ގޭގައި އަމިއްލަ އަށް މޫނު ސްޓީމް ކުރުމަށް އާވި އަރުވާ މެޝިނެއް ނެތް ނަމަ ފެން އެޅޭ ކަހަލަ ރަނގަޅު ތައްޓެއް ހޯދާށެވެ.ހޫނުކޮށް ހުރި ފެން ތައްޓަކަށް އަޅާފައި ރޯސްމެރީ ނުވަތަ ލުނބޯ ހުތް އަޅާށެވެ. އެއަށް ފަހު އެއިން އަރާ އާވި މޫނަށް އަރާ ގޮތަށް މޫނު ކައިރިކޮށްގެން ހުންނާށެވެ.
އެ އަރާ އާވި ސީދާ މޫނަށް ލިބޭ ގޮތަށް ހެނދުމަށް ތަށި ކައިރިންވާ ގޮތަށް ބޮލުގައި ތުވާއްޔެއް އަޅާށެވެ. އެ ގޮތަށް 10- 15 މިނެޓް އާވި އަރުވާށެވެ.
އެއަށް ފަހު ކުޑަ އިރުކޮޅަކުން މޫނު ރީތިކޮށް ދޮވެލާށެވެ. އޭގެ ކުރިން މޫނު ކުޑަކޮށް ފޮހެލިއަސް މައްސަލައެއް ނެތެވެ.