ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ ގޯއްޗާއި ފްލެޓުގެ ދާއިމީ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ރަޖިސްޓަރީ ނުލިބޭ މީހުންގެ ރަޖިސްޓަރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް މި ހަފުތާގައި ކުރިއަށް ގެންދާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ހަފުތާ އާއި މިއަންނަ ހަފުތާ ތެރޭ ގޯތި އަދި ފުލެޓް ލިބޭނެ ކަމަށް ފައިނަލް ލިސްޓްގައި ހިމެނި ގެޒެޓުކޮށްފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރިއަށް ގެންދަވާނެ ކަމަށެވެ.

ހަމަ އެއާއެކު ބައެއް ފަރާތްތަކަށް ގޯތި ދީފައިވާ ބައެއް ތަންތަނަކީ ނުހިއްކާ ހުރިތަންތަންކަން ފާހަގަކުރައްވައި، އެ ތަންތަން ހިއްކުމުގެ މަސައްކަތް މި ސަރުކާރުން ބާރަށް ކުރިއަށްގެންދަވާކަންވެސް ރައީސް ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން ވެސް މި ސަރުކާރުން ކުރިއަށްގެންދަވާ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކުގެ ތެރެއިން ގުޅީފަޅާ ގިރާވަރުފަޅުން އިތުރު ބިން ހިއްކުމަށް ވެސް ތައްޔާރުވަމުންދާ ކަން ރައީސް ފާހަގަކުރައްވާފައިވެ އެވެ.

މީގެ ކުރިން ވެސް ރައީސް ވަނީ މި ސަރުކާރަކީ ވަޢުދެއް ވެއްޖެނަމަ އެވަޢުދެއް ވީގޮތަށް ފުއްދަވާނެ ސަރުކާރެއްކަން ފާހަގަކުރައްވާފަ އެވެ.

ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 2 އާއި ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު ބައެއް މީހުންނަށް ރަޖިސްޓަރީ ވެސް ދޫކޮށްފައިވެ އެވެ.

އެ ބިންތަކުގެ އިތުރުން، ކުރީގެ ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ 13،000 މީހުން އެބަ ތިއްބެވެ. ވެރިކަން ނިމުމުގެ ކުރިން، އޭގެ ތެރެއިން ފްލެޓް ލިބޭ 4،000 މީހުން ކަނޑައަޅައި ލިބޭ ފްލެޓް ވެސް ވަނީ ކަނޑައަޅައިފަ އެވެ. މިކަން ކުރި ގޮތާ މެދު ހިތްހަމަނުޖެހި 7،000 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވަނިކޮށް، ފްލެޓު ދޫކުރުމުގެ ކަންކަން އޭސީސީން ވަނީ ހުއްޓުވައިފަ އެވެ.

ރައީސް މިފަދަ ޕޯސްޓެއް ކުރެއްވީ އޭސީސީން މައްސަލަ ނިންމުން ފަސްވެ ބަޔަކު މީހުން އެ ކޮމިޝަންގެ އިދާރާއަށް ވަދެ މިއަދު ވެސް ހިތްހަަމަނުޖެހުން ފާޅުކޮށްފައި ވަނިކޮށެވެ.