ހުޅުމާލޭގައި "އަބަން ފާމިން" ޕްރޮގްރާމްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށާއި އެ މަސައްކަތްކުރަން 16 ބިމެއް ކުއްޔަށް ދޭން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފި އެވެ.
މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު އިއްޔެ ވިދާޅުވީ އެ ބިންތައް ކުއްޔަށް ދިނުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތްތައް ކުރމަުން އަންނަ ކަމަށެވެ. އަދި އެތަނުން ބިން ދޭނެ އުސޫލް ވެސް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެތަނުން ބިން ހޯދަން ތިން މީހުންގެ ގްރޫޕަކުން ކުރިމަތިލެވޭ ގޮތަށް އޮންނާނީ. ވަކި މުއްދަތަކަށް ކުޑަ ކުއްޔަކަށް ބިން ދޭނީ،" ސުހައިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދަނޑުވެރިކަންކުރަން އެތަނުން ދޫކުރާ ބިމެއްގައި ގާތްގަނޑަކަށް 600 އަކަފޫޓު ހުންނާނެ ކަމަށެވެ.
"ކުޑަ ކުއްޔަކަށް މިތަން ކުއްޔަށް ދޭނީ. ފުރަތަމަ ދުވަސްކޮޅުގައި ކުއްޔެއް ނުނަގާ ދޭނީ،" ސުހައިލް ވިދާޅުވި އެވެ.
ހުޅުމާލޭގެ ނެއިބާހުޑް 3 ގައި ހުންނަ ރެހެންދި ސްކޫލްގެ ފުރަގަހުގައި އޮންނަ ބިމުގައި ފެށުމަށް "އާބަން ފާމިން"އަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ޔޫއެންޑީޕީ އާއި ފިޝަރީޒް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.
ދަނޑުވެރިކަންކުރަން ބިން ދޫކުރާ ސަރަހައްދުގައި، ދަނޑުތަކުގައި ބޭނުންކުރާ ތަކެތި ރައްކާކުރެވޭނެ ގުދަނާއި ގަސްކާނާ ވިއްކާ ތަނަކާއި ފާޚާނާ އަދި މަޑުކޮށްލައިގެން ތިބެވޭނެ ތަންތަން ވެސް ހެދުމަށް ހަމަޖެހިފައިވެ އެވެ. އަދި ސީޑް އިންކިއުބޭޓާ ޝެޑެއް ވެސް އެތަނުގައި ހުންނާނެ އެވެ.
އެޗްޑީސީން ބުނީ އެތަނުން ދޫކުރާ ބިންތަކުގެ 40 ޕަސެންޓް ޚާއްސަކޮށްފައި ވަނީ އަންހެނުން ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ޒުވާނުންނަށް 30 ޕަސެންޓް ހިމަނާފައިވެ އެވެ. ބާކީ 30 ޕަސެންޓް މީހުން ހޮވާނީ އާއްމުކޮށް ހުޅުވާލައިގެން ކަމަށް އެ ކުންފުނިން ބުންޏެވެ.