ފުރަތަމަ ފަހަރަށް ސަރުކާރަކުން އައްޔަން ކުރެއްވި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ރުހުން ނުދީ ރައްޔިތުންގެ މަޖިލީހުގެ ނަން އެމްޑީޕީގެ މެމްބަރުން ހަޑިކޮށްލާފައިވާ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވީ މާލޭގެ މޭޔަރުކަމުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ނުކުންނަވާފައިވާ ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިން ހަފުލާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސް ވިދާޅުވީ ވަޒީރުންގެ މަޖިލީހަށް ރުހުން ނުދީ ދިގު ދަންމާލުމަކީ އެއްވެސް ސަރުކާރަކާ ދޭތެރޭ މަޖިލީހުން މިހާތަނަށް ކަންކޮށްފައިވާ ގޮތެއް ނޫން ކަމަށެވެ. އަދި މިއީ އެމްޑީޕީ މެމްބަރުން މަޖިލީހުގައި ހިންގި ހުތުރު އަމަލެއް ގޮތުގައި ނައިބު ރައީސް ސިފަކުރެއްވި އެވެ.
"ދުސްތޫރީ ނިޒާމު ގަޑުބަޑުކޮށްލުމަށް ޓަކައި އެބޭފުޅުން އެ މަސައްކަތް ކުރައްވަނީ. މި ވޭތުވެދިޔަ ތަނުގައި އެއްވެސް މަޖިލީހަކުން ދައުލަތުގެ ވަޒީރުންނަށް ރުހުން ނުދީ ހިފަހައްޓައިފައެއް ނެތް. އެކަން އެބޭފުޅުން އެ ދައްކުވައިދިނީ، ތާރީހުގެ ތެރޭގައި އެ ބޭފުޅުންގެ ނަން އެ ހަޑިކޮށްލެއްވީ ރައްޔިތުން ކުރިމަތީގައި،" ނައިބު ރައީސް ވިދާޅުވި އެވެ.
ވަޒީރުންގެ މަޖިލީހަށް ރުހުން ނުދީ މަޖިލީހުގެ މިއަހަރުގެ ދައުރު ވަނީ ނިންމާލައިފަ އެވެ. މިކަމާ ގުޅިގެން ބައެއް މެންބަރުންނާއި ރައްޔިތުންގެ ވެސް ފާޑުކިޔުން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީއަށް ވަނީ އަމާޒުވެފަ އެވެ.
މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި ވޯޓު ދޭއިރު ވިސްނަން ވާނީ ސަރުކާރާ ދެކޮޅު ވިސްނުން ހުރި ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށް ކަމަށެވެ. ސަރުކާރާ ދެކޮޅު ކެންޑިޑޭޓަކަށް ވޯޓުލައިފިނަމަ، އެއީ ތަރައްގީގެ ފިޔަވަޅު ފަހަތަށް އެޅުން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
"އެމަނިކުފާނު (ރައީސް) މި މާލެއަށް އޮތް ތަސައްވުރުގެ ހެއްކެއް މިއަދު މި ރޭހުގައި ވާދަކުރައްވަމުން އަންނަ ބައެއް ކެންޑިޑޭޓުން އެމަނިކުފާނުގެ ޚިދުމަތް ގަބޫލުކުރައްވައި އެ ތަސައްވުރަކީ ކޮންމެހެން ތަންފީޒު ކުރަން ޖެހޭ އެއްޗެއްކަން ގަބޫލުކޮށް، އެމަނިކުފާނާއެކު އެކަންކަން ކޮށްދެއްވުމަށް ތައްޔާރަށް ތިބިކަމަށް ވިދާޅުވުން،" ނައިބު ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒާ އެކު، އެ މަނިކުފާނުގެ ތަރައްގީގެ ތަސައްވަރާ އެއްގޮތަށް ކުރިއަށްދާނެ ކެންޑިޑޭޓަކަށް ވޯޓު ދިނުމަކީ މުހިންމު ކަމެއް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އަދި މާލޭގެ ރައްޔިތުން، ސަރުކާރު ކެންޑިޑޭޓަށް ވޯޓު ދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވި އެވެ.