ރޯޒް ވޯޓާ ނުވަތަ ފިނިފެނަކީ ވަރަށް ގިނަ ކަންކަމަށް ބޭނުންކޮށް އުޅޭ އެއްޗެކެވެ. ހާއްސަކޮށް، ހަންގަނޑު ރީތިކުރަން ފިނިފެން ބޭނުން ކުރެ އެވެ. ހަންގަނޑު މާ ބޮޑަށް ތެޔޮވާ ނަމަ ނުވަތަ ހިކޭ ނަމަ ފިނިފެނުން ހައްލު ހޯދަ އެވެ. މީގެ އިތުރުން އެކި ކަހަލަ ފޮނި ކާތަކެތި ހަދަން ވެސް ފިނިފެނަކީ ޒަމާނުއް ސުރެ ދިވެހިން ވެސް ބޭނުންކޮށް އުޅޭ އެއްޗެކެވެ.

ރޯގާޖެހި ކަރުތެރެ ހަލާކުވެ ކެއްސާ ނަމަ އެކަމާ ދެކޮޅަށް ވެސް ފިނިފެން ބޭނުން ކުރެވިދާނެ އެވެ. ސަމުސަލެއްގެ ފިނިފެން ބޯލުމުން ލުއިވާން ފަށާނެ އެވެ. ފިނިފެނުގައި އެކުލެވޭ އިންފްލެމޭޓަރީ މާއްދާތަކުގެ ސަބަބުން އެކަމަށް މަގުފަހިކުރުވަ އެވެ.

ގައިގެ ތަނެއް ކެނޑި ޒަހަމްވެފައިވާ ނަމަ އެކަމަށް ވެސް ފިނފެން ބޭނުން ކުރެވިދާނެ އެވެ. ފިނިފެން ފޮދަކުން ކަފަކޮޅެއް ތެންމާލައި، ޒަހަމްވެފައިވާ ތަނުގައި އުނގުޅުމުން، އިންފެކްޝަން އުފެދުމުން ވެސް ރައްކާތެރިކޮށް ދޭނެ އެވެ. އަދި އަވަހަށް ޒަހަމް ފަސޭހަވާން ބާރަކަށްވެ އެވެ. ފިނިފެނަކީ އެންޓި- ބެކްޓީރިއަލް މާއްދާތަކުން މުއްސަނދި އެއްޗެކެވެ.

މައްސަރުގެ އުނދަގޫތަކާ ދެކޮޅަށް ވެސް ފިނިފެން ބޭނުން ކުރެވިދާނެ އެވެ. ފެނަށް ފިނިފެން އަޅައިގެން ބުއިމުން ދަށްބަނޑުގައި ރިއްސުމާއި މައްސަރުގެ އެހެން ވޭންތައް ވެސް ކުޑަކޮށް ދޭނެ އެވެ.

ހިރުގަނޑާއި ދަތުގެ ސިއްހަތަށް ވެސް ފިނިފެން ބޭނުންކުރެވިދާނެ އެވެ. މި ފެނުން އަނގަ ދޮވުމުން ހިރުގަނޑު ވަރުގަދަވެ، އަނގައިގެ ސާފުތާހިރުކަން ވެސް އިތުރުކޮށް ދޭނެ އެވެ. އަނގައިން ނުބައި ވެސް ކަނޑުވައިދޭނެ އެވެ.

ބޮލުގައި ރިއްސައި، ބޮލަށް ބަރުވާ ނަމަ އެކަމުގެ ސަބަބުން ނަފުސާނީ ގޮތުން އުނދަގޫތައް ކުރިމަތިކުރުވާނެ އެވެ. ފިނިފެނަކީ ވަރަށް އަރާމު، މަޑު ވަހެއް ހުންނަ އެއްޗަކަށްވާތީ މީގެ ވަހަކީ ސިކުނޑި އާއި ހިތަށް އުފާވެރިކަމާއި ލުއިކަން ގެނެސްދޭނެ އެއްޗެވެ. ސްޕްރޭ ކުރެވޭ ގޮތަށް ހުންނަ ފިނިފެން ފުޅިއަކުން ގޭތެރެ އާއި ވަކިން ހާއްސަކޮށް ނިދާ ކޮޓަރި ތެރޭގެ ވަސް ރަނގަޅުކޮށްލުމަކީ ނަފުސަށް ހަމަޖެހުން ގެނުވާނެ ކަމެކެވެ.