ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބުގައި ވާދަކުރުމަށް އެދި ހުށަހެޅި އެފްއޭއެމްގެ ކުރީގެ ރައީސް އަހުމަދު ތާރިގު (ޓޮމް)ގެ ކެންޑިޑޭސީ ބަލައި ނުގަންނަން އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ނިންމައިފި އެވެ.

މި މަހު 31 ވަނަ ދުވަހު އެފްއޭއެމް އިންތިހާބު ބާއްވަން ތާވަލުކޮށްފައިވާއިރު، ވާދަކުރާ ދެ ކެންޑިޑޭޓުންނަކީ، އެފްއޭއެމްގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު ތޯރިގު (ޓޮމް) އާއި ކްލަބް އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒް ހާޝިމް (މުފާ) އެވެ.

މި ދެ ކެންޑިޑޭޓުންގެ އަތުގައި ވެސް ކުލަބު ވެލެންސިއާގެ ތާއީދު ސިޓީ އޮތްކަމަށް ވަނީ ބުނެފަ އެވެ. ހަމައެހެންމެ، ދެ ކެންޑިޑޭޓުންގެ އަތުގައި އޮތް ވެލެންސިއާގެ ތާއީދު ސިޓީއަކީ ވެސް، ކުލަބުގެ ހިންގާ ކޮމެޓީގެ މެމްބަރުން ދީފައިވާ ސިޓީ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. އެހެން ނަމަވެސް، އެއް ކުލަބަކަށް ދެ ކެންޑިޑޭޓުންނަށް ތާއީދު ނުކުރެވޭނެތީ، ކޮމެޓީން ނިންމީ ވެލެންސިއާގެ ސިޓީ ބަލައިނުގަތުމަށެވެ.

އިންތިހާބުގައި ވާދަކުރަން ފުރަތަމަ ޑިވިޝަންގެ ތިން ކުލަބުގެ ތާއީދު ބޭނުންވާއިރު، ވެލެންސިއާގެ ސިޓީ ބަލައިނުގަންނަން ނިންމުމާއެކު، ޓޮމް އަތުގައި އޮތީ ދެ ކުލަބުގެ ތާއީދު ސިޓީ އެވެ.

ވެލެންސިއާގެ ތާއީދު ސިޓީ ނުލައިވެސް، އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅުއްވި މުފާވިޒް ހާޝިމް (މުފާ) އަތުގައި ފަސް ސިޓީ އޮތްކަން ކޮމެޓީން ވަނީ ފާހަގަކޮށްފަ އެވެ.

އެހެންކަމުން، ކޮމެޓީން ނިންމާފައިވަނީ ޓޮމްގެ ކެންޑިޑެސީ ފުރިހަމަނުވާ ކަމަށެވެ

އިލެކްޓޯރަލް ކޮމިޓީގެ މި ނިންމުން އެޕީލްކުރުމުގެ ފުރުސަތު ޓޮމް އަށް އޮންނާނެ އެވެ. އެޕީލް ކުރުމުގެ ފުރުސަތު އޮތީ މިއަދުން ފެށިގެން ދެ ދުވަހަށެވެ. އަދި އެޕީލާ މެދު ގޮތެއް ނިންމުން އޮތީ، އެޕީލް ހުށަހަޅާ ދުވަހުން ފެށިގެން ތިން ދުވަހުގެ މުހުލަތެކެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް، އެފްއޭއެމް އަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، އެ ކޮމިޝަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ވެލެންސިއާގެ ޗެއާމަނަކީ އަޒްމީން ކަމަށެވެ. ވެލެންސިއާ އިން އަޒްމީން މަގާމުން ވަކިކޮށްފައިވާ ކަމަށް ބުނާ ބުނުން ގަބޫލުކުރެވެން ނެތް ސަބަބަކީ އެ ކްލަބްގެ އަސާސީ ގަވާއިދުގައި ބުނާ އިޖުރާތްތައް ފުރިހަމަކޮށްފައިނުވާތީ ކަމަށް ތޮލާލްގެ ސިޓީގައި ވަނީ ހިމަނުންވައިފަ އެވެ.

އޭގެ އިތުރުން، ކޮމިޝަނާ އޮފް ސްޕޯޓްސްގެ އެ ސިޓީގައި ވަނީ ވެލެންސިއާގެ ތާއީދު ސިޓީ ފަދަ މުހިންމު ލިޔުންތަކުގައި ސޮއިކުރުމުގެ ބާރު އޮތީ ޗެއާމަން އަތުގައި ކަމަށާއި ވައިސް ޗެއާމަންގެ ޒިންމާއަކީ ކްލަބްގެ ޗެއާމަން އަށް ހިންގުމުގައި އެހީތެރިވެދިނުން ކަމަށެވެ.