ބައެއް މީހުންނާއެކު ފްލެޓް އެއްބަސްވުމުގައި ސޮއިކުރުން މަޑުޖައްސާލީ 76 މާކްސް އަށް ވުރެ މަތިން ލިބުނު ބަޔަކަށް ފްލެޓް ކަނޑަނާޅައި އެއަށް ވުރެން ދަށުން 75 މާކްސް ލިބުނު ބަޔަކަށް ގުރުއަތު ނަގައި ފްލެޓް ކަނޑައަޅާފައިވާކަން ހާމަވުމުން ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ވަނީ، 76 މާކްސް އަށް ވުރެ މަތިން ލިބުނު މީހުންގެ ތެރޭގައި ގުރުއަތުގައި ހިމަނާފައި ނުވާ ފަރާތްތަކެއް ތިބުމުން، އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ 75 ޕޮއިންޓް ލިބުނު މީހުންނާއެކު އެގްރީމެންޓްގައި ސޮއިކުރާނީ 76 ޕޮއިންޓަށްވުރެ މަތިން މާކްސް ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށް ނިމުމުން ކަމަށެވެ.
ފައިނަލް ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި ތިން ކޮޓަރީގެ ފްލެޓް ލިބޭނީ 76 ޕޮއިންޓަށް ވުރެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށް ގެދޮރުވެރިޔާ ސްކީމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
ފުރަތަމަ ބުރުގައި ދެ ކޮޓަރީގެ ފްލެޓް 73 މާކްސް އަށް ވުރެ މަތިން ލިބުނު މީހުންނަށް ދޭން ނިންމައި ނިންމައި ގުރުއަތު ނަގާފައި ވިޔަސް ގުރުއަތުގައި ނުހިމެނި ފްލެޓް ލިބެން ޖެހޭ ބަޔަކު އުނިވެފައިވާކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މިދިޔަ ސަރުކާރުން ގުރުއަތު ނެގިއިރު، 76 މާކްސް އަށް ވުރެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް ފްލެޓް ކަނޑަނާޅަނީސް 75 އަށް ވުރެ މަތިން ލިބުނު މީހުންނަށް ފްލެޓް ކަނޑައަޅަން ގުރުއަތު ނަގާފައިވާ ކަމަށެވެ.
"އެ ފަރާތްތަކަށް ލިބޭ ފްލެޓް ކަނޑައަޅައި އެ މަރުހަލާ ނިމުމުން، 75 މާކްސް ލިބުނު ފަރާތްތަކުގެ ފްލެޓާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ވާހަކަ ދެންނެވީމެވެ،" މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.
ފްލެޓްގެ މައްސަލަ ބެލުމަށް ދޮޅު އަހަރު ހޭދަކުރުމަށްފަހު މިނިސްޓްރީން ނިންމީ ކުރީގެ ސަރުކާރުގެ ލިސްޓަށް ފްލެޓް ދިނުމަށެވެ.