މި އަހަރު ބާއްވާ ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވަކި ބަޔަކަށް ވޯޓު ދިނުމަށް އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަންގާ މައްސަލަ ބޮޑުވެއްޖެ އެވެ.

"ހުރިހާ"އާ ވާހަކަ ދެއްކެވި ޕީއެންސީގެ އޮފިޝަލަކު ވިދާޅުވީ ބައެއް ރަށްތަކުގެ ޕީއެންސީގެ ބޭފުޅުންނަށް ގުޅައި އަދުރޭ ތާއީދު ކުރައްވާ ކެންޑިޑޭޓަކަށް ވޯޓުދިނުމަށް އޭނާ އަންގަމުންދާ ކަމަށެވެ.

"މިއީ ވަރަށް ދެރަ މައްސަލައެއް. އަބްދުއްރަހީމް ބައެއް ބޭފުޅުންނަށް ގުޅައި މިވެނި ބޭފުޅަކަށް ވޯޓު ދެއްވާށޭ ކިޔާފަ އެބަ އަންގާ. ހުރިހާ ކެންޑިޑޭޓުންނަކީ ވެސް އިހްލާސްތެރިން. ގޮތް ނިންމާނީ ޕީޕީއެމްގެ އާންމު މެމްބަރުން،" އޮފިޝަލް ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ އަދުރޭގެ އެ އަމަލުތަކުގެ ސަބަބުން ޕާޓީގެ ބައެއް މެމްބަރުން ތިބީ މާޔޫސްވެފައި ކަމަށެވެ.

އަދުރޭ ބޭނުންވާ ބަޔަކަށް ވޯޓުދޭން އަންގަމުންދާއިރު، ސަރުކާރުގެ އިސް މަގާމްތަކުގައި ވެސް އޭނާގެ އާއިލާގެ ބޭފުޅުން އެބަތިއްބެވެ.

"ސަރުކާރުގެ އިސް މަގާމްތަކަށް ވެސް އަދުރޭގެ އެންގުމަށް ބަޔަކު ވަނީ ލާފައި. އެވަރުން ނުވެގެން މަޖިލިސް ގޮނޑިވެސް ދޭން މިޖެހެނީ އަދުރޭ އަންގާ ބަޔަކަށް މިއީތޯ ޕީޕީއެމް، ޕީއެންސީން މިއޮތް ހުރިހާ ދުވަހަކު ވަކާލާތު ކުރި ޑިމޮކްރެސީގެ ރިވެތި އުސޫލަކީ،" އޮފިޝަލް ވިދާޅުވި އެވެ.

ޕީއެންސީގެ ރިޔާސީ ޕްރައިމަރީއަށް އަދުރޭ ނުފޫޒުފޯރުވާކަމުގެ ތުހުމަތު ކުރެވިފައިވާއިރު، ތިން ފަހަރެއްގެ މަތިން އެ ޕްރައިމަރީ ވަނީ ފަސްކޮށްފަ އެވެ.