މިހާރު ކުރިއަށްދާ ރިއަލިޓީ ޝޯ ބިގްބޮސް 17 ނިމުމަކާ ކައިރިވެފައިވާއިރު އެ ޝޯގެ އަޑުތައް މިހާރު ވަނީ މީޑިއާގައި ގަދަވެފަ އެވެ. އެގޮތުން އެ ޝޯއާ ގުޅިގެން އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ ޝޯގެ ބައިވެރިން ކަމަށްވާ އަންކިތާ ލޯކަންޑޭއާއި ވިކީ ޖެއިންގެ ކައިވެނީގެ ވާހަކަ އެވެ.

ދެމަފިރިންގެ ގޮތުގައި ބިގްބޮސްގެ ގެއަށް ވަތް އެ ދެމީހުންގެ މެދުގައި ޝޯ ފެށުނީއްސުރެ އެއީ މައްސަލަ ޖެހެމުންނެވެ. ކޫސަނި ކަންކަމުގައި ޖެހެމުން އައި މައްސަލަތައް މިހާރު މިވަނީ އެ މީހުންގެ ކައިވެންޏަށް ވެސް އަސަރު ކުރަން ފަށާފަ އެވެ.

އެންމެ ފަހުން ދެއަކި އެޕިސޯޑުތަކުގައި ވިކީއާއި އަންކިތާއާ ދެމެދު ހޫނު ޒުވާބެއް ހިނގާ މަންޒަރު ފެންނައިރު އެ ޒުވާބުން އެ މީހުންގެ ކައިވެނި ނިމުމަކަށް އަންނަން ކައިރިވެފައިވާކަން ދޭހަވެ އެވެ.

އެގޮތުން ވިކީ ވަނީ އަންކިތާއާއި އަންކިތާގެ ކުރީގެ ލޯބިވެރިޔާ ސުޝާންތު ސިންހް ރާޖްޕުތުގެ މެދުގައި އޮތް ގުޅުމުގެ އަސަރު އެމީހުންގެ ކައިވެންޏަށް ކުރި ކަމަށާއި އެ ބުރަ އޭނާއަށް ވެސް ޖެހުނު ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ވެސް ޝޯގެ އާއިލީ އެޕިސޯޑުގައި ވިކީގެ މަންމަ ވަނީ އަންކިތާގެ މިޒާޖާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށް އަންކިތާގެ އާއިލާއަށް ވެސް ކުޑައިމީސް ކޮށްފަ އެވެ.

އެހެން ކަމުން އެ ދެމީހުންގެ ކައިވެނި ދެން މާ ގިނަ ދުވަސްތަކެއް ވަންދެން ދެމި ނޯންނާނެ ކަމަށް ބެލުންތެރިންނާއި އިންޓަނެޓް ބޭނުންކުރާ ފަރާތްތަކުން ވެސް އަންނަނީ ބުނަމުންނެވެ.

ވިކީއާއި އަންކިތާ ކައިވެނި ކޮށްފައިވަނީ 2021 ވަނަ އަހަރު އެވެ. މިދިޔަ އަހަރު ބިގްބޮސްއަށް ވަނުމާ ހަމައަށް އެ ދެމީހުން އުޅެމުން އައީ ރީތި ދިރިއުޅުމެކެވެ.