އުމްރާނީ ގޮތުން ކުރިއަރަމުން އަންނަ ދުނިޔޭގައި ތަފާތު ކާމިޔާބީތައް ހޯދަން އެއް ގައުމު އަނެއް ގައުމާ ވާދަކޮށް ކުރިއަރަން އަބަދުވެސް މަސައްކަތް ކުރެ އެވެ.

އެގޮތުން ދުނިޔޭގެ އެންމެ އުސް އިމާރާތުގެ ޝަރަފު މިހާތަނަށް އޮތީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ދުބާއީގައި ހުންނަ "ބުރުޖް ޚަލީފާ" އަށެވެ.

އެހެން ނަމަވެސް ސައޫދީ އަރަބިއާގެ ޖިއްދާގައި މިހާރު އިމާރާތް ކުރަމުން އަންނަ ދަ ކިންގަމް ޓަވަރު ނިމުމާއެކު ބުރުޖް ޚަލީފާއަށް އެ ރެކޯޑު ގެއްލޭނެ އެވެ.

828 މީޓަރުގެ އުސްމިނާއެކު 2010 ވަނަ އަހަރު ދުނިޔޭގެ އެންމެ އުސް އިމާރާތުގެ ޝަރަފު ބުރުޖް ޚަލީފާއަށް ލިބުނުއިރު އޭގެ 15 ވަރަކަށް އަހަރު ފަހުން އެ ރެކޯޑު އަތުލަނީ 1000 މީޓަރު އުސް ޖިއްދާ ޓަވަރުންނެވެ.

ޖިއްދާ ޓަވަރަކީ ރެޒިޑެންޝަލް އެޕާޓްމަންޓްތަކާއި އޮފީސްތަކުގެ އިތުރުން ކޮންޑޮމީނިއަމްތައް ހިމެނޭހެން ފަރުމާ ކުރެވިފައިވާ 1.23 ބިލިއަން ޑޮލަރުގެ މެގަ ޕްރޮޖެކްޓެކެވެ.

މަސައްކަތް މެދުކެނޑިފައި އޮތުމަށްފަހު އަަނެއްކާވެސް ޖިއްދާ ޓަވަރު އިމާރާތް ކުރަން ފަށާފައިވާއިރު 2025 ވަނަ އަހަރު އެ އިމާރާތް ހުޅުވޭނެ ކަމަށް ބެލެވެ އެވެ.