ބޮޑު ތަކުރުފާނު މަގުގައި ހުރި ސްޓެލްކޯގެ ފިއުލް ޕަމްޕު ސްޓޭޝަން ބަދަލުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ އެމްޑީ ހުސެން ފަހުމީ އެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އަބްދުﷲ ޒިޔާދެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ ބޮޑުތަކުރުފާނު މަގުގައި ހުރި ޕަންޕް ސްޓޭޝަން ނެގުމުގެ މަސައްކަތް ކުރަނީ ވަރަށް ބޮޑު ހަރަދެއް ކޮށްގެން ކަމަށާއި އެގޮތުން އެ މަޝްރޫއަށް ސްޓެލްކޯގެ ބަޖެޓުން 7.1 މިލިއަން ރުފިޔާ ހަރަދުވެގެންދާނެ ކަމަށެވެ. އަދި ޕަންޕް ސްޓޭޝަން ނެގުމަށް ރާވާފައިވަނީ 60 ދުވަސް ތެރޭގައި ނަމަވެސް ގޮންޖެހުންތަކެއް ހުރުމުން އީޕީއޭގެ ހުއްދަ ލިބޭތާ 60 ދުވަސް ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލެވިގެންދާނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.

މީގެ އިތުރުން ފަހުމީ ވިދާޅުވީ ސްޓެލްކޯގެ ފަރާތުން ރައްޔިތުންނަށް ދިމާވާ އެއްވެސް ތަކުލީފެއް އޮތް ނަމަ، އެކަމެއް ވީއެންމެ އަވަހަކަށް ހައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

މާލެއަށް ބޭނުންވާ ތެޔޮ ޕަންޕުކުރާ ޕަންޕް ސްޓޭޝަން ބޮޑުތަކުރާފާނު މަގުން ނެގުމުގެ މަސައްކަތަކީ ވެސް އޭގެ ތެރެއިން އެއް މަސައްކަތްކަން ފަހުމީ ފާހަގަކުރެއްވި އެވެ. މީގެ ކުރިން ސްޓެލްކޯ އިން ވަނީ މާވެޔޮ މިސްކިތް ކައިރީގައި ހުރި ޓްރާންސްފޯމަރު ނަގައި، މަގު އެއްކޮށް ހުޅުވާލައިފަ އެވެ. އަދި ސްޓެލްކޯއާ ޖެހިގެން އޮންނަ ދޮންއަދަރާދަ މަގުގައި ހުންނަ އެ ކުންފުނީގެ ޕަވާ ހައުސް އެ ތަނުން ނަގައި، އެ މަގު އާއްމުންނަށް އެއްކޮށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.