ޕާޓީ ތެރޭގައި ފިތުނަ އުފެއްދިކަމުގެ ތުހުމަތުކޮށް، ބައެއް މެންބަރުންނަށް، އަންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރަން ފުރުސަތު ނުދިނުމުން ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އޮފީހުގައި މަސްލަހަތު ގެއްލި، ބޮޑު ޒުވާބެއް ހިނގައިފި އެވެ.

ކެންޑިޑެސީ ބާތިލު ކުރި މައްސަލައިގައި މިއަދު ޕީއެންސީ އޮފީހަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ޖަމާވެފަ އެވެ. އަދި ބައެއް މީހުން ދިޔުމުން އެތަނުގައި ޕާޓީގެ ނިންމުމަށް ތާއީދު ކުރާ މީހުންނާއި ކެންޑިޑެސީ ގެއްލުނު ކެންޑިޑޭޓުންނާ ދެމެދު ވަނީ ބޮޑު ޒުވާބެއް ހިންގި ވީޑިއޯތައް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ނުލިބުނު ބައެއް މެންބަރުންނާއި ސަޕޯޓަރުން ގޮސް ޕާޓީގެ އިދާރީ މުވައްޒަފުންނަށް ޝަކުވާކޮށް އަޑުގަދަކުރާ މަންޒަރު ވެސް އެ ވީޑިއޯތަކުން ފެނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮތީ އަންނަ 17 މާޗުގަ އެވެ. މި އިންތިހާބުގައި ޕީޕީއެމް-ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ކަނޑައަޅަން ބާއްވާ ޕްރައިމަރީގެ ތާރީހު އެކި ފަހަރުމަތިން ބަދަލުކުރަމުން ގޮސް، މިހާރު ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ޕްރައިމަރީއަށް ކުރިމަތިލާން ފޯމު ހުށަހަަޅަން ދިން ފުރުސަތުގައި އެ ކަމަށް އެދި ހުށަހެޅި ބައެއް މީހުންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމައި މިއަދު ވަނީ އެ މީހުންނަށް ސިޓީގެ ޒަރީއާ އިން އެކަން ވަނީ އަންގައިފަ އެވެ. އަދި އޭގެ ތެރެއިން ބައެއް ސިޓީތައް އަންނަނީ ސޯޝަލް މީޑިއާގައި ވެސް ދައުރުވަމުންނެވެ.

މާޗް 17، ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕްރައިމަރީގައި ބައިވެރިވުމުގެ ފުރުސަތު ޕީއެންސީ/ޕީޕީއެމް ކޯލިޝަނުގެ ބައެއް މެމްބަރުންނަށް ނުދިނީ، ޕީޕީއެމްގެ ބާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒާ މައްސަލަ ޖެހުނު ވަގުތު، ޔާމީންއަށް ތާއީދު ކުރި ކަމަށް ތުހުމަތުކޮށްފަ އެވެ.

"މި ކޯލިޝަނުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްފަހު ޕާޓީގެ އެތެރޭގައި އުފެދިގެންދިޔަ ޕާޓީގެ ސިޔާސަތުތަކާ އިދިކޮޅު އޮއިވަރުގައި ޖެހިވަޑައިގެން ޕާޓީގެ އާންމު މެމްބަރުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް ބަޔަކު ކުރަމުންގެންދާ މަސައްކަތުގައި ބައިވެރިވެ، އެ ސިޔާސަތު ކުރިއެރުވުމުގެ މަސައްކަތްތަކެއް ކުރައްވާ، ޕާޓީގެ އެތެރޭގައި ބައިބައިވުން އުފެދޭ ގޮތަށް ކަންކަން ކުރައްވާފައިވާތީ ...،" ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް އޮފީހުގެ އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ ބައެއް މެމްބަރުންނަށް ފޮނުވި ސިޓީތަކުގައި ބުނެފައިވެ އެވެ.

ބައެއް އެހެން މެންބަރުން ކައިރީ ޕާޓީން ބުނީ ކެންޑިޑެސީ ބަލައިނުގަންނަން ނިންމީ ޕާޓީއަށް އެކަށީގެންވާ މިންވަރަކަށް ހިދުމަތްކޮށްދީފައި ނެތުމުން ކަމަށެވެ.

"ޕާޓީއަށް އެކަށީގެންވާ ހިދުމަތެއް ކޮށްދެއްވާފައިވާ ކަމަށް ނުފެންނާތީ، މަނިކުފާނުގެ ޝަރުތުތައް ފުރިހަމަނުވާ ކަމަށް ނިންމާފައިވާތީ، ކެންޑިޑެސީ ބަލައިގަނެވެން ނެތް ވާހަކަ ދެންނެވިން،" ބައެއް ސިޓީތަކުގައި ބުނެފައިވެ އެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ފިތުނަ އުފެދޭ ގޮތަށް ޕާޓީގެ ތެރޭގައި މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށް ބައެއް މީހުންގެ ކެންޑިޑެސީ ޕީއެންސީން ބަލައިނުގަތްއިރު، އިންތިހާބު ކާމިޔާބު ވުމަށް ފަހު އެ ކޯލިޝަންގެ އޭރުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ އެ މަނިކުފާނު ޕާޓީން ބާކީކޮށްލާފައިވާ ކަމަށް ވިދާޅުވެ، ޕީޕީއެމް ދޫކޮށްލައްވާފަ އެވެ.

ރައީސް ޔާމީން އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އެ މަނިކުފާނު ގެންދަވަނީ މިސަރުކާރުން ކެމްޕޭން ތެރޭގައި ވައުދުވި ކަންކަން ފުރިހަމަކުރަމުން ނުގެންދާތީ ފާޑުވިދާޅުވަމުންނެވެ.