މައި އިދިކޮޅު ޕާޓީ އެމްޑީޕީ އާއި "ސަރުކާރު ޒިންމާދާރުކުރުވަން" އެ ޕާޓީއާ އިއްޔެ ބައިއަތު ހިފި ޑިމޮކްރެޓްސް އިން މަސައްކަތް ކުރަނީ ސަރުކާރު ހުއްޓުމަކަށް ގެންނަން ކަމަށާއި، އެ ކަމެއް ނުކުރެވޭނެ ކަމަށް، ވެރިކަން ކުރާ މައި ޕާޓީ ކަމަށްވާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޒިންމާދާރު ކުރަން އެކުގައި މަސައްކަތް ކުރަން އެއްބަސްވެ އެކަން އިދިކޮޅު އެމްޑީޕީ އަދި އެ ޕާޓީއާ ހިޔާލު ތަފާތުވެގެން ވަކިވެގެން ގޮސް އުފެއްދި ދަ ޑިމޮކްރެޓްސް އިން އިއްޔެ ވަނީ ހާމަކޮށްފަ އެވެ.

އިދިކޮޅު އެމްޑީޕީީ އާއި ޑިމޮކްރެޓްސް އިން އިއްޔެ ވަނީ ސަރުކާރު ޒިންމާދާރު ކުރުމަށް މަޖިލިސް ތެރެއިން އެކުގައި މަސައްކަތް ކުރަން ނިންމައި އެކަން އިއުލާނުކޮށްފަ އެވެ. އެ މަސައްކަތުގެ ތެރެއިން، ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ލިމިޓެއް ކަނޑައެޅުމަށް ގާނޫނީ ފަރުވާ ހޯދަން ނިންމާފައިވާ ކަމަށް އެ ދެ ޕާޓީން ބުންޏެވެ.

ޕީއެންސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ، އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން އުޅެނީ ސަރުކާރު ހުއްޓުވަން ކަމަށާއި އިދިކޮޅުން ހީކޮށްގެން އުޅެނީ ސަރުކާރަކީ ވަރަށް ބަލިކަށި ސަރުކާރެއް ކަމަށް ކަމަށެވެ.

"މި ސަރުކާރު ހުއްޓުމަކަށް ނުގެނެވޭނެ. ރައްޔިތުން މި ސަރުކާރު އިންތިހާބުކުރީ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން. ރައްޔިތުންގެ ނިންމުމާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރެވޭނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ވަނީ ސަރުކާރުގެ ސިޔާސީ މަގާމުތައް ވަކި ވަރެއްގައި ހިފެހެއްޓުމަށް ގާނޫނުއަސާސީ އަށް އިސްލާހު ހުށަހަޅަން ވެސް ނިންމައިފަ އެވެ. އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ މަގާމުތައް އައްޔަން ކުރުމަކީ ރައީސަށް ލިބިދޭ އިހުތިޔާރެއް ކަމަށާއި އެއީ ސަރުކާރު ހިންގުމަށް މުހިންމު ކަމެއް ކަމަށެވެ.

"ކީއްވެގެންތޯ އެ ބޭފުޅުން ސަރުކާރުގައި ތިބިއިރު އަތުގައި ސުޕަ މެޖޯރިޓީ އޮވެ އެ ބަދަލު ނުގެނައީ، 1،300 އަށް ދަންދެން ސިޔާސީ މަގާމުތައް އިތުރު ކުރީ ކީއްކުރަންތޯ؟ އަޅުގަނޑުމެންގެ ރައީސް ވިދާޅުވީ 700 އަށް ވުރެ ސިޔާސީ މަގާމުތައް އިތުރު ނުކުރާނެ ކަމަށް. އަދި މިހާތަނަށް އައިއިރު އެހާ ތަނާ ކައިރި ވެސް ނުވޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޑރ. މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގަތީ ވަރަށް ގިނަ ވައުދުތަކާ އެކު ކަމަށާއި ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވަނީ އެކަންކަން ހާސިލް ކުރައްވަން ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ސާބިތުކަމާ އެކު މި ދަންނަވަނީ، މި ސަރުކާރު ބަލިކަށި ކުރަން ހުއްޓުވަން ފުރުސަތެއް ނުދޭނަން، އެކަމެއް ނުކުރެވޭނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"އިންތިހާބު ކޮށްފައިވާ ރައީސަކު އަތް ބަންނަން ކުރާ މަސައްކަތަކަށް އަޅުގަނޑުމެން ތާއީދެއް ނުކުރާނަން."

އަންނަ އާދިއްތަ ދުވަހު ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވައި މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ ވެސް ވަނީ އެޖެންޑާ ކޮށްފަ އެވެ. އިއްޔެ އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް މިނިސްޓަރުންނަށް ރުހުން ނުދިނުމާ މެދު މަޝްވަރާ ކުރަމުންދާ ކަން ހާމަކުރި އެވެ.

އަބްދުއްރަހީމް ވިދާޅުވިގޮތުގައި، މިނިސްޓަރުންނަށް ރުހުން ނުދޭން އިދިކޮޅުން އުޅޭތީ ވެސް ހާމަވަނީ އެ ބޭފުޅުންގެ ޒިންމާދާރު ކަމެއް ނެތުމެވެ. މީގެ ކުރީގެ ހުރިހާ ސަރުކާރުތަކެއްގެ މިނިސްޓަރުންނަށް ވެސް އިދިކޮޅުން ރުހުން ދިން ކަމަށާއި މިހާރު އިދިކޮޅުން މިނިސްޓަރުންނަށް ރުހުން ނުދީ ހިފަހައްޓާ ހިފެހެއްޓުމަކީ ވަރަށް ޒިންމާދާރު ކުޑަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ބޭފުޅުން ރުހުން ނުދީ ހިފަހައްޓަން ބޭނުންވާ ކަމަށްވާ ނަމަ، ފުރުސަތު އެ ބޭފުޅުންގެ އަތުގައި އެބައޮތް. އެކަމަކު ހީނުކުރާތި ސަރުކާރު ހުއްޓުވާލެވިދާނެ ކަމަށް. އެކަމެއް ނުވާނެ. އެކަމެއް ނުވާނެ. މިސާލަކަށް މާދަމާ ސައީދަށް [އިކޮނޮމިކް މިނިސްޓަރު] ރުހުން ނުދިނީ، އޭގެ އަނެއް ދުވަހު ހަމަ އެ މަގާމަށް ސައީދު އައްޔަން ކުރުމުގެ ބާރު ރައީސްއަށް އޮވޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެހެންވީމާ އެއީ ސަރުކާރު ހުއްޓުވާލެވިދާނެ ކަމެއް ނޫން."

މި ސަރުކާރުން ސިޔާސީ މަގާމުތަކަށް އައްޔަންކުރާ ބޭފުޅުންގެ މަސައްކަތުން ނަތީޖާ ނެރޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެއްގޮތަކަށް ވެސް މި އުޅެނީ ބޭކާރު ކަންކަމަށް ވަގުތު ހޭދަކުރާކަށް ނޫން. އެހެންވީމާ އިދިކޮޅުން އެ ދައްކަނީ އެއްވެސް ތާކުންތާކު ޖެހޭ ވާހަކައެއް ނޫން. ވަރަށް ސާބިތުކަމާ އެކު މި ދަންނަވަނީ މި ސަރުކާރު ހުއްޓުވުމަކަށް ގެންނަންް ކުރާ މަސައްކަތަކަށް ޖާގައެއް ނުދޭނަން. ވަރަށް ސާފު. އެ ކަމެއް ނުކުރެއްވޭނެ،" މަޖިލިސް ތެރެއިން ރައްޔިތުންގެ ނިންމުމާ ދެކޮޅަށް މަސައްކަތް ކުރުމަށް ފުރުސަތު ނުދޭނެކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.