އިންޑިއާ އިން 2024-2025 ވަނަ އަހަރަށް ކަނޑައެޅި ބަޖެޓުގައި ރާއްޖެ އަށް 72 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ދޭން ކަނޑައަޅައިފި އެވެ.

އަވަށްޓެރި އިންޑިއާ އިން ކޮންމެ އަހަރެއްގެ ބަޖެޓު ވެސް ހަދަނީ އޭޕްރީލް މަހުގެ 1 އިން ފެށިގެން މާޗް މަހުގެ ނިޔަލަށެވެ. މި ހިނގާ 2023-2024 ގެ ބަޖެޓުން ރާއްޖެއަށް ވަނީ 93 މިލިއަން ޑޮލަރު (1.4 ބިލިއަން ރުފިޔާ) ކަނޑައަޅާފައި އޮތެވެ. އަދި 2024-2024 ގެ ބަޖެޓުގައި ވަނީ 72 މިލިއަން ޑޮލަރު ހިމަނައިފަ އެވެ.

މިއީ 21 މިލިއަން ޑޮލަރު (300 މިލިއަން ރުފިޔާ) ގެ ދަށްވުމެކެވެ.

އެ ގައުމުގެ 2022-2023 ވަނަ އަހަރުގެ ބަޖެޓުގައި ރާއްޖެ އަށް ހިލޭ އެހީގެ ގޮތުގައި ލިބުނީ 22 މިލިއަން ޑޮލަރު (339 މިލިއަން ރުފިޔާ) އެވެ.

އިންޑިއާއިން އަންނަ އަހަރުގެ ބަޖެޓަށް ބޭރުގެ ގައުމުތަކަށް ލޯނާއި ހިލޭ އެހީގެ ގޮތުގައި 650 މިލިއަން ޑޮލަރު ދޭން ވަނީ ކަނޑައަޅައިފަ އެވެ. ރާއްޖޭގެ އިތުރުން ބޫޓާން، އަފްޣާނިސްތާން، ބަންގްލަދޭޝް، ނޭޕާލް، ސްރީލަންކާ، މިޔަންމާ ފަދަ ގައުމުތަކަށް ހިލޭ އެހީ އާއި ލޯން ދިނުމަށް ކަނޑައަޅާފައިވެއެވެ.

އެ ގައުމުން ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދެނީ ބޫޓާން އަށެވެ. އެގޮތުން ބޫޓާނަށް 249 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) ދިނުމަށް ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.

ދެވަނަ އަށް އެންމެ ގިނަ އަދަދަކަށް ހިލޭ އެހީ ދިނުމަށް ހަމަޖެހިފައި ވަނީ ރާއްޖެއަށެވެ.

އިންޑިއާގެ ބަޖެޓުގައި ރާއްޖެ އަށް ބޮޑު އަދަދެއް ހިލޭ އެހީގެ ގޮތުގައި ދޭން ކަނޑައަޅާފައިވާ އިރު، ދެ ގައުމުގެ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.