ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ ރޯދަ މަހު ނުބާއްވާ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ ތާއީދާ ނުލައި ފަސް މެމްބަރުންގެ ކޮމިޓީއަކަށް މިއަދު ފޮނުވައިފި އެވެ.

އެ ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވަން ފާސް ކުރީ 39 މެމްބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 11 މެމްބަރަކު ވޯޓު ދެއްވި އެވެ.

ބިލް ބަލައިގަތުމާ ދެކޮޅު ހެއްދެވި ޕީއެންސީގެ މެމްބަރުންނަކީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް އާއި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީ އާއި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމާއި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދާއި މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރާއި މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ.

އެ މެމްބަރުންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ވެސް ވޯޓު ދެއްވާފައި ވަނީ އެ ބިލް ބަލައިނުގަތުމަށެވެ.

އިހަވަންދޫ ދާއިރާޣެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހުގައި ވަނީ ގާނޫނަށް ބައެއް އިތުރު ކުރައްވަން ހުށަހަޅުއްވައިފަ އެވެ. އިންތިހާބު ބާއްވަންޖެހޭ ތާރީހު ރޯދަ މަހުގެ ދުވަހަކާ ދިމާވާ ނަމަ، އެ އިންތިހާބެއް ބާއްވަން ވާނީ ރޯދަ މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށް އިސްލާހުގައިވެ އެވެ.

އިންތިހާބަކާ ގުޅޭ ހާއްސަ ގާނޫނު ނުވަތަ އާންމު ގާނޫނުގެ ދަށުން އެކި ކަންކަމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް އަމަލު ކުރެވެން ނެތް ހާލަތެއް ކުރިމަތިވެއްޖެ ނަމަ، ރޯދަ މަހު އިންތިހާބު ނުބޭއްވުމަށްޓަކައި ގާނޫނުގައި ބުނާ މުއްދަތުތަކަށް ބަދަލު ގެނެސް، އިލެކްޝަން ކޮމިޝަނުން އަލުން މުއްދަތުތައް ކަނޑައަޅަން ވާނެ ކަމަށް އެ އިސްލާހުގައިވެ އެވެ.

ކޮމިޓީގައި ހިމެނޭ ފަސް މެމްބަރުންނަކީ

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު (އެމްޑީޕީ)ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (އެމްޑީޕީ)ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން (ޖުމްހޫރީ ޕާޓީ)މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (ޑިމޮކްރެޓްސް)ގައްދޫ ދާއިރާގެ މެމްބަރު އަލީ ޒާހިރު (ޑިމޮކްރެޓްސް)

މަޖިލިސް އިންތިހާބުގެ ތާރީހު ބަދަލު ކުރުމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހެޅީ އިލެކްޝަންސް ކޮމިޝަނުން އިންތިހާބު ބާއްވާނެ ކަމަށް އިއުލާން ކުރި ތާރީހާ ރޯދަ މަހުގެ ދުވަސްތަކާ ދިމާވާތީ އެވެ. މާޗް މަހުގެ 17 ގައި އިލެކްޝަންސް ކޮމިޝަނުން އިންތިހާބު ބާއްވަން ނިންމި އިރު، އެ ދުވަސް ދިމާވަނީ ރޯދަ މަހުގެ ފުރަތަމަ ހަފްތާ އެވެ.