އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް މިހާތަނަށް 6،000 އަށް ވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީ ކޮށްދީފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލު ހަބީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީކޮށްދޭން 7,350 މީހަކު އެދިފައިވާ ކަމަށެވެ.

އޭގެ ތެރެއިން 3,302 މީހުން ރީ-ރަޖިސްޓްރީ ކޮށްދީފައިވާކަމަށް ހަބީބު ވިދާޅުވި އެވެ. އަދި އެކި ސަބަބުތަކާ ހުރެ 885 ހުށަހެޅުމެއް ބަލައިގެންފައި ނުވާ ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.

މި މަހުގެ 1 ވަނަ ދުވަހު ހުޅުވާލާފައިވާ މަޖިލިސް އިންތިހާބަށް ރީ-ރަޖިސްޓަރީކުރުމުގެ ފުރުސަތު ހަމަވާނީ މިއަދު ހަވީރު 4:00 އަށެވެ. މި މުއްދަތުގައި ރީ-ރަޖިސްޓަރީކުރުމަށް ހުށަނާޅާ މީހުން ވޯޓުލާންޖެހޭނީ ފާއިތުވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމީހަކު ވޯޓުލީ ތަނަކަށެވެ.

މި އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި 284،337 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. މި އިންތިޚާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިޚާބުކުރާނެ އެވެ. އިންތިޚާބުގައި ވާދަކުރުމަށް ކެންޑިޑޭޓުން ފޯމު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 14 ވަނަ ދުވަހާ ހަމައަށް އޮންނާނެ އެވެ.