ރައީސް ވަކިކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން ގެނައި އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ސުޕްރީމް ކޯޓުން މި އަމުރު ނެރެފައި ވަނީ ސަރުކާރުން ހުށަހަޅާފައިވާ މައްސަލާގައި ކޯޓުން ގޮތެއް ނިންމަންދެންނެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނެރުއްވި އަމުރުގައި ވަނީ މަޖިލީހުގެ މެމްބަރުންގެ އަދަދު ގުނާނެ ގޮތާ ބެހޭގޮތުން މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ގާނޫނު އަސާސީއާ ހިލާފް ކަމަށް ދައުލަތުން ތުހުމަތު ކުރާ ހާލަތެއްގައި، އެ އިސްލާހަށް އަމަލުކުރުން މަޑުޖައްސާލަން ޖެހޭ ކަމަށެވެ. ޖުމްލަ މެމްބަރުންގެ އަދަދު ކުރިން ގުނަމުން އައީ ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުގެ މަތިން ކަމަށް ވާއިރު، ކޯޓުން ގޮތެއް ނިންމަންދެން މަޖިލީހުން ކުރިން އަމަލުކުރި ގޮތް ދެމި އޮންނަން ޖެހޭ ކަމަށް އެ އަމުރުގައިވެ އެވެ. އަދި މިއީ އާންމު މަސްލަހަތު ދެމެހެއްޓުމަށްޓަކައި ވަގުތީ އަމުރު ނެރެންޖެހޭ ހާލަތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ތިން ފަނޑިޔާރުންގެ ރައުޔުގައިވެ އެވެ.

މި ގޮތަށް ރައުޔު ނެރުއްވާފައި ވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އެވެ.

ރައުޔު ތަފާތުވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރާއި ޑރ. މުހައްމަދު އިބްރާހިމެވެ. އެ ދެ ފަނޑިޔާރުންގެ ރައުޔުގައި ވަނީ އެ މައްސަލާގައި ވަގުތީ އަމުރެއް ނެރެން ނުޖެހޭ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އެ ދެ ފަނޑިޔާރުން ފާހަގަ ކުރައްވާފައި ވަނީ ޖުމްލަ މެމްބަރުންގެ އަދަދު ފާސްވާންޖެހޭ މައްސަލައެއް މި ވަގުތު މަޖިލީހުގައި ނެތުމާއި އެ މައްސަލަ ދައުލަތުން ކޯޓަށް ހުށަހެޅީ އިސްލާހު ފާސްކުރިތާ އެއް މަސް ފަހުން ކަމަށްވާތީ އެވެ. އަދި އެ މައްސަލަ ބިނާކޮށްފައި ވަނީ ހަމައެކަނި ޖުމްލަ މެމްބަރުންގެ އަދަދާ ގުޅޭގޮތުން އެކަނި ނޫން ކަމަށް އެ ރައުޔުގައިވެ އެވެ.

ދެ ފަނޑިޔާރުންގެ ރައުޔުގައިވާ އިތުރަށް ފާހަގަ ކުރައްވާފައި ވަނީ ދައުލަތުން ވަގުތީ އަމުރަށް އެދުނީ ކުރިމަތިވެދާނެ ލަފާކުރެވޭ ހާލަތެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެހެންވެ، އެ މައްސަލަ ރައްދުވާ މަޖިލީހުގެ ބަހެއް ނެތި ކޮންމެހެން ވަގުތީ އަމުރެއް ނެރެންޖެހޭ ފަދަ ހާލަތެއް ނެތް ކަމަށް އެ ރައުޔުގައިވެ އެވެ. އަދި މިއީ މުސްތަގްބަލްގައި ގާނޫނު އަސާސީއާ ހިލާފްވެދާނެ ހާލަތެއް އުފަންވެދާނެ ކަމަށް ބަލައި، އެ އިހުތިމާލުތަކުގެ މައްޗަށް ބިނާކޮށްގެން ހުށަހަޅާފައިވާ ހުށަހެޅުމެއް ކަމުގައި ބެލެވޭ ކަމަށް ވެސް ރައުޔުގައިވެ އެވެ.

ރައީސުލް ޖުމްހޫރިއްޔާ އާއި ރައީސުލް ޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނަނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ އަޣުލަބިއްޔަތު ވޯޓުން ކަމަށެވެ. މި ހިނގާ 19 ވަނަ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 87 އެވެ. ނަމަވެސް އާ ސަރުކާރުގެ ވަޒީރުކަމުގެ މަގާމުތަކަށާއި ކުންފުނިތަކުގެ ވެރިންގެ ގޮތުގައި މަޖިލީހުގެ ހަތް މެންބަރަކު ވަނީ ވަޑައިގެންފަ އެވެ. އެހެންވެ އެ ގޮނޑިތައް ހުސްވުމުން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 80 އަށް މަޖިލީހުން ފާސްކުރި އިސްލާހުގައިވެ އެވެ.

މަޖިލީހުން ފާސްކުރި އިސްލާހުގައިވާ ގޮތުން އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މަޖިލީސް މެންބަރުންގެ ވޯޓުން ރައީސް އާއި ނައިބް ރައީސް އަޒުލްކުރެވެ އެވެ.

އެ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ ސަރުކާރުގެ ފަރާތުން ބަންޑާރަ ނައިބެވެ. އަދި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހެޅި އެ އިސްލާހަށް އަމަލުކުރުން ފަސްކުރަން ވަގުތީ އަމުރެއް ނެރެދޭން ބަންޑާރަ ނައިބު ކޯޓުގައި އެދުނެވެ.

އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ވަނީ ރައީސް އަޒަލުކުރަން މަޖިލީހަށް ހުށަހަޅަން ބޭނުންވާ އަދަދަށް މެންބަރުންގެ ސޮއި ހަމަކޮށްފަ އެވެ. ނަމަވެސް އެ މައްސަލަ އަދި ހުށަހަޅައިފައެއް ނުވެ އެވެ. މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 87 ކަމަށް ބަލައިފި ނަމަ ރައީސް ވަކިކުރަން ބޭނުން ވަނީ 58 ވޯޓެވެ. އަދި މެންބަރުންގެ އަދަދަކީ 80 ކަމަށް ބަލައިފި ނަމަ ރައީސް ވަކިކުރެވޭ އަދަދަކީ 54 އެވެ. އެމްޑީޕީ އާއި ޑިމޮރެޓްސް މެންބަރުންގެ އަދަދު އެއްކޮލުމުން މަޖިލީހުގައި 57 ގޮނޑީގެ އަޣުލަބިއްޔަތެއް އެ ދެ ޕާޓީއަށް ލިބެ އެވެ. އެމްޑީޕީގެ 13 މަޖިލިސް މެންބަރަކު ދާދި ފަހުން ވަނީ ވެރިކަންކުރާ ޕީއެންސީ އަށް ބަދަލުވެފަ އެވެ.