ފުވައްމުލަކުން ނެގި ދެ ރެންޑަމް ސާމްޕަލެއް ޕޮޒިޓިވްވެ، މޮނިޓަރިންއަށް މިއަދު ހަވީރު ލައިފި އެވެ.

ފުވައްމުލަކު އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު "ހުރިހާ"އަށް ވިދާޅުވީ އެ ރަށުން 150 މީހެއްގެ ރެންޑަމް ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި މިހާތަނަށް ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނެގި ހުރިހާ ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާ އަދި ނުލިބޭ. މިހާތަނަށް ލިބުނު ނަތީޖާތަކުގެ ތެރެއިން ދެ މީހަކު ޕޮޒިޓިވްވެފައިވަނީ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެ ސާމްޕަލެއް ޕޮޒިޓިވްވުމުން ކޮންޓެކްޓް ޓްރޭސިން ހަދައި، އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ލިރާރު ވިދާޅުވީ ރެންޑަމް ސާމްޕަލްތަކެއް ޕޮޒިޓިވްވުމުން ރަށުގައި އަޅަން ޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުން ޓާކްސްފޯހުން ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

"އެ ބައްދަލުވުމަށްފަހު އެނގޭނީ އަޅާނެ ފިޔަވަޅުތަކެއް. މިވަގުތު ގެންދަނީ ޕޮޒިޓިވް ދެ ކޭސްއާ ގުޅޭ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް،" އޭނާ ވިދާޅުވި އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި އެ ރަށުން ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން މިހާތަނަށް ޕޮޒިޓިވްވީ ފިހާރައެއްގައި ސޭލްސް ގާލެއްގެ ގޮތުގައި މަސައްކަތްކުރާ އަންހެން ކުއްޖަކާއި ފުވައްމުލަކު ޕޯސްޓް އޮފީހުގައި މަސައްކަތްކުރާ އަންހެން މުވައްޒަފެކެވެ.

ކޮވިޑް ޕޮޒިޓިވް ކޭސްތަކެއް ފެނިގެން އައްޑޫއާއި ގދ. ތިނަދޫ އާއި މ. ކޮޅުފުށި ވަނީ މޮނިޓަރިންގެ ހާލަތުގަ އެވެ.