ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި މާލޭ ސިޓީ ކައުންސިލަށް ގަވާއިދާ ހިލާފަށް ބިދޭސީން ރެކްރޫޓުކުރި މައްސަލައެއް ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމުގައި އިންސާނީ ވަގުފާރީގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބެލެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން ވިދާޅުވީ، އެ މައްސަލަ އޭނާގެ ސަމާލުކަމަށް ގެނެންނެވީ މާލޭގެ މޭޔަރު އާދަމް އާޒިމް ކަމަށެވެ.

މުއިއްޒުގެ މޭޔަރު ކަމުގައި ހިންގި އެ އަމަލަކީ އިންސާނީ ވަގުފާރިއާ ގުޅުންހުރި ކަމެއް ކަމަށް ބެލެވޭ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަންރައިޓްސް ކޮމިޓީގެ މުގައްރިރު ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު. ފޮޓޯ: މަޖްލިސް

ދައުލަތުގެ އިދާރާއަކުން ގާނޫނާ ހިލާފު އެފަދަ އަމަލެއް ހިންގާފައިވާތީ ޖީހާން ވަނީ ކަންބޮޑުވުންފާޅުކުރައްވާފަ އެވެ. އަދި އެ މައްސަލައިގައި ކަންހިނގާފައިވާގޮތް ބެލުމަށް ކޮމިޓީން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖީހާން ވިދާޅުވީ ސިޓީ ކައުންސިލްގެ އެ މައްސަލަ ނުބަލައިފިނަމަ ރާއްޖެ ބްލެކް ލިސްޓަށް އަރައި އެކަމުގެ ގެއްލުން މުޅި ގައުމަށް ލިބޭނެ ކަމަށެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވަނީ އެކަމަކީ ޕީއެންސީގެ ބޭފުޅުން ތިއްބަވައިގެން ހިންގާފައިވާ ކަމަކަށް ވާތީ، އެ މައްސަލަ ބެލިދާނެކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.