ރައީސް ޑރ. މުހައްމަދު މުއިއްޒު އިހުލާސްތެރި ނިޔަތެއްގައި މަސައްކަތް ކުރައްވައި، ރައްޔިތުންނަށް ހިދުމަތް ދެއްވާނަމަ އަޒުލު ކުރުމުގެ އަޑާއެކު އެހާ ބޮޑަށް ސިހުން އަންނަން ވީ ކޮން ސަބަބަކާ ހުރެތޯ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުވާލު އުފައްދަވައިފި އެވެ.

ރައީސް ވަކިކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން ގެނައި އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފި އެވެ.

ސުޕްރީމް ކޯޓުން މި އަމުރު ނެރެފައި ވަނީ ސަރުކާރުން ހުށަހަޅާފައިވާ މައްސަލާގައި ކޯޓުން ގޮތެއް ނިންމަންދެންނެވެ.

ރައީސް ޔާމީން އަލަށް އުފައްދަވާ ޕީއެންއެފްގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުން ތައާރަފުކުރުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި ކެންޑިޑޭޓަކާ ސުވާލުކުރައްވަމުން ރައީސް ޔާމީން ވަނީ ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރު ކުރުމުގެ އަޑުތަކާއެކު މުޅި ސަރުކާރާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ޑިފެންސަށް ފައިބަން ނުޖެހޭކަމަށް ވިދާޅުވެ އެކަމަށް ފާޑުވިދާޅުވެފަ އެވެ.

ރައީސް ޔާމީން އެ ޖަލްސާތަކުގައި ރަސްމީކޮށް ވާހަކަފުޅު ނުދެއްކެވި ނަމަވެސް ހާޒިރީންނަށް ހާއްސަ ގޮނޑިކޮޅު ގައި އިންނަވާ ކެންޑިޑޭޓުންނާއި ސުވާލު ކުރުމުގެ ތެރެއިން ކުރުކުރުކޮށް ވާހަކަފުޅު ދައްކަވަ އެވެ.

"މިއީ ކޮންމެހެން ބަޔަކު ހިތަށް އަރާހާ ފަސޭހައިން ކުރެވޭނެކަމެއް ނޫން. ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ކަންތަކެއް އެބަ ފެންނަން ޖެހޭ. ރައީސް މަގާމަށް ކުފޫ ހަމަ ނުވާ، އެހެން ނޫނީ ހިދުމަތް ދިނުމުގައި އެކަށީގެން ނުވާ ކަންކަން،" ރައީސް ޔާމީން ވިދާޅުވި އެވެ. "ރައީސުލްޖުމްހޫރިއްޔާ ދެކޮޅަށް މޯޝަނެއް ފަށަން މިކަންކަން އެބަ ޖެހޭ ހުންނަން.. އެކަމާ ހަމަ އެހާ ސިހުން ވާން ޖެހޭތޯ؟.. އެއްވެސް މީހަކު ރައީސްގެ މަގާމަށް އަންނަނީ މަގާމުގައި ބަގުޑި ބައްދައި ތިބޭކަށެއް ނޫން."

ރައީސް ޔާމީން ވިދާޅުވީ އިހުލާސްތެރި މަސައްކަތެއް ކުރާ ބަޔަކު ސިޔާސީ ގޮތުން އަންނަ އުންޑައަކަށް ޖެހިލުން ނުވާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރެވޭނެ ގޮތުގެ އިޖުރާއަތްތަކާއި އޭގެ ތަފްސީލުތައް ގާނޫނުގައި ބަޔާންކުރާ ކަމަށެވެ. އަދި އެއީ ދުލުން ބުނެލަސް ފަސޭހަކަމެއް ނަމަވެސް، ފުރިހަމަ ކުރަން ޖެހޭ ކަންކަމަށް ބަލައި ފަސޭހަ މަސައްކަތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ބުނަމުން ދާގޮތުގައި، ރައްޔިތުންނަށް ހިދުމަތް ދެމުން ގެންދަނީ އެއްވެސް ތަފާތުކުރުމެއް ނެތި އެންމެ ފުރިހަމަކަމާއެކު ކަމަށެވެ. އަދި ރައްޔިތުންގެ ހެވާއި ލާބައަށް ކުރިޔަށް މަޝްރޫއުތަކެއް ރޭވިފައި ހުރި ނަމަ، ނުވަތަ އެ ޕްރޮޖެކްޓެއް ކުރިޔަށް ދާނަމަ އަޒުލު ކުރުމުގެ ބަހާއި ދެކޮޅަށް އެހާ ކަންބޮޑުވާން ނުޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މުޅި ސަރުކާރު އޮތް ގޮތަށް ޑިފެންސަށް ފައިބަން ޖެހޭނީ، ގޯސްތަކެއް ވާތީ ނުވަތަ ހިދުމަތްތައް ނުދެވޭކަން ކޮންމެވެސް މިންވަރަކަށް ގަބޫލު ކުރެވޭތީ ނޫންތޯ ރައީސް ޔާމީން ސުވާލު އުފެއްދެވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ވެރިކަމަށް ބޭފުޅަކު ވަޑައިގަންނަވަނީ ރައްޔިތުންނަށް ހިދުމަތް ކޮށްދެއްވުމަށެވެ. އެ މަސައްކަތުގައި ވެރިކަމުގައި ހުންނަވާ ބޭފުޅަކު އުޅުއްވާއިރު، ބޭއިންސާފުން ރައީސް އަޒުލު ކޮށްފިނަމަ ރައްޔިތުންގެ ކުރިމަތީގައި މަގުބޫލުކަން އިތުރު ވެގެންދާނީ އެ ރައީސެއްގެ ކަމަށާއި އަނިޔާވެރިކޮށް ކަންކުރި ބައެއްގެ އަގުވެއްޓި އެބަޔަކު ރައްޔިތުންގެ ކުރިމަތީގައި އިތުރަށް ފަލީހަތް ވުން ނޫން ކަމެއް ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.