އިންޑިއާގެ ކޮޗިންގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި ތިން އަންހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބި ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފި އެވެ.

ކޮޗިންގައި ހުންނަ ކިމްސް ހޮސްޕިޓަލާ ގާތްގަނޑަކަށް 40 ކިލޯމީޓަރު ދުރުގައި މިއަދު ހެނދުނު ހިނގި މިއެކްސިޑެންޓްގައި އަނިޔާވީ އުމުރުން 25 އަހަރުގެ ދަރިފުޅާއި އޭނާގެ 50 އަހަރުގެ މަންމަ އާއި 54 އަހަރުގެ ބޮޑުދައިތަ އެވެ. އެއީ ރ. އަލިފުއްޓަށް އުފަން އާއިލާއެއްގެ ބައެކެވެ.

މިއެކްސިޑެންޓް ހިނގީ ހޮސްޕިޓަލަށް ދެއްކުމަށްފަހު ކޮޗިން އިން ޓްރިވެންޑްރަމަށް ދަނިކޮށް ކާރު ދުއްވަން އިން ޑްރައިވަރު ހައިވޭގެ އެއް ފަޅީގައި ކާރު މަޑުކޮށްލި ވަގުތު އަނެއް ފަޅިން އައި ކާރުގައި ޖެހިގެންނެވެ.

މިއެކްސިޑެންޓްގައި 25 އަހަރުގެ އަންހެން ކުއްޖާ އާއި 54 އަހަރުގެ މީހާގެ މޫނުމަތިން ބައެއް ތަންތަން ފަޅައިގެން ގޮސްފައިވެ އެވެ. އަދޮ އުމުރުން 50 އަހަރުގެ އަންހެން މީހާގެ ފައި ބިނދިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ތިން މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު ބައެއް މީހުންގެ ހާލަތު ކްރިޓިކަލް ކަމަށް ވެސް އެނގިފައިވެ އެވެ.