ވެރިކަން ކުރާ ޕީއެންސީން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޕްރައިމަރީގައި ގައްދޫ ދާއިރާ އަށް ވާދަކޮށް ޓިކެޓު ކަށަވަރު ކުރި މުހައްމަދު ޝަފީގު (މަހާ)، ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަނުކުރަން ނިންމަވައި ނަން އަނބުރާ ގެންދަވައިފި އެވެ.

ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ޝަފީގު ވާދަކުރެއްވީ މުހައްމަދު އަލީއާއެވެ. އެކަމަކު، މުހައްމަދު އަލީގެ މައްޗަށް ކުރި ހޯދައި އެ ޕްރައިމަރީ ކާމިޔާބު ކުރާއްވާފައި ވަނީ ޝަފީގެވެ. އެ ޕްރައިމަރީން ނާކާމިޔާބީ އާ ކުރިމަތިވެވަޑައިގެންނެވި މުހައްމަދު އަލީ ފަހުން ވަނީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވަން ނިންމަވައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފަ އެވެ.

މަޖިލިހުގައި ގައްދޫ ދާއިރާ އަށް ވާދަކުރުމަށް މުހައްމަދު އަލީގެ އިތުރުން ޝަފީގް ވެސް ފޯމް ހުށަހެޅި އެވެ. އެކަމަކު ނަން އަނބުރާ ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ދިން ފުރުސަތުގައި ޝަފީގު ވަނީ ނަން އަނބުރާ ގެންދަވައިފަ އެވެ.

އަމިއްލަ ގޮތުން ވާދަކުރަން އޭރު ނިންމި މުހައްމަދު އަލީގެ ކެމްޕޭނުގައި ސަރުކާރުގެ ބައެއް މިނިސްޓަރުންވެސް ބައިވެެރިވެވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާއި އެޑިއުކޭޝަން މިނިސްޓަރު، އިސްމާއިލް ޝަފީއު ވެސް ހިމެނިވަޑައިގަންނަވަ އެވެ. މުހައްމަދު އަލީއަކީ މިނިސްޓަރު ޝަފީއު އާ އާއިލީ ގޮތުން ގުޅުން އޮންނަ ބޭފުޅެކެވެ.

ޕީޕީއެމް/ޕީއެންސީން ޕްރައިމަރީއަކާ ނުލައި 13 ބޭފުޅަކަށް ޓިކެޓު ދީފައިވެ އެވެ. އަދި ތިން ދާއިރާއެއް ފިޔަވައި ހުރިހާ ދާއިރާއެއްގެ ޕްރައިމަރީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބާއްވައި ޓިކެޓު ދީފައިވެ އެވެ.