ރައީސުލް މުހައްމަދު މުއިއްޒު ފުވައްމުލައް ސިޓީ އަށް މިއަދު ވަޑައިގެން އެ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއާ އެކު ބޭއްވި ބައްދަލުވުމުގައި އެ ސިޓީން އެދޭ ކަންކަން ރައީސް އަށް ހުށަހަޅައިފި އެވެ.

ފުވައްމުލައް ސިޓީ ކައުންސިލުގެ އިދާރާގައި ބޭއްވި ބައްދަލުވުމުގައި ވަނީ އެސިޓީގެ މުހިންމު މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި:

  • މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިއަދު ފެށުމާއެކު އެ މަސައްކަތް މެދުނުކެނޑި ކުރިއަށްގެންދިއުން.
  • ދެންހުރި މަގުތައް ވެސް ހެދުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކުރި.
  • ފުވައްމުލައް ސިޓީގައި ތަރައްގީކުރާ 400 ހައުސިން ޔުނިޓުގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ފެށިގެން ދިއުން
  • ބަނދަރުގެ ޖާގައިގެ ދަތިކަމާއި، އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމާއި، އިންޖީނުގޭގެ ކެޕޭސިޓީ އިތުރުކުރުމާއި، މަސް ރައްކާކުރާ ނިޒާމުގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުމާއި، އާ ހޮސްޕިޓަލެއް އެޅުމާއި، މިހާރު ހުރި ހޮސްޕިޓަލުގައި ނުފެށި ހުރި މަތީ ފެންވަރުގެ ޚިދުމަތްތައް ފެށިގެންދިއުމަށް ކައުންސިލުން އެދިފައިވޭ.

މި ބައްދަލުކުރެއްވުމުގައި އ.ތ.މ. ކޮމިޓީގެ ފަރާތުންވަނީ އެކޮމިޓީގެ މެންބަރުންނަށް ފާހަގަކުރެވޭ މުހިންމު ކަންކަންވެސް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވައިފަ އެވެ.

ފުވައްމުލަކުގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ރައީސް މިއަދު ފައްޓަވައިދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ފަދައިން ފުވައްމުލައް ސިޓީގެ ހުރިހާ މަގުތަކެއް ވެސް ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވި އެވެ. މީގެ އިތުރުން ކަރަންޓުގެ މައްސަލަ އާއި ފާހަގަކުރެއްވި އެހެން މައްސަލަތަކަށް ސަމާލުކަން ދެއްވައިގެން އެކަންކަން ހައްލު ކޮށްދެއްވާނެކަމަށާއި، ޚާއްސަކޮށް އެމަނިކުފާނު ފުވައްމުލައް ސިޓީއަށް ވަޢުދުވެވަޑައިގަންނަވާފައިވާ ކަންކަން ފުރިހަމަ ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވި އެވެ.

ފުވައްމުލައް ސިޓީ ކައުންސިލާއެކު މިއަދު ބޭއްވެވި ބައްދަލުވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އަމަލީގޮތުން ފައްޓަވައިދެއްވައިފަ އެވެ.