ފުވައްމުލައް ސިޓީ ކައިރީގައި ފަޅު ރަށެއް ނެތުމުން އެހެން އަތޮޅަކުން ވަރަށް އަވަހަށް ފަޅު ރަށެއް ހަމަޖައްސައި އެ ސިޓީގެ ރައްޔިތުންނަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ދެކުނުގެ ހަތަރު އަތޮޅަކަށް ރައީސް ޑރ. މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފުވައްމުލަކަށް ވަޑައިގެން އެ ރަށުގައި ބޭއްވެވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ކައުންސިލްތަކަށް ނަފާ ހޯދައި ދިނުމަށް ކުރަން ފެށި އެއް ކަމަކީ ކައުންސިލްތަކުން ފަޅު ރަށެއް ހޯދައިގެން އާމްދަނީ ހޯދުމުގެ ފުރުސަތު ކަމަށެވެ. އަދި ރަށެއްގައި ކައިރީގައި ފަޅު ރަށެއް ނެތް ކަމުގައި ވިޔަސް، ގަވައިދު އޮންނާނީ ކޮންމެވެސް އެހެން ދިމާލަކުން ވެސް ފަޅު ރަށް ލިބޭ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ، ފުވައްމުލަކަށް އާމްދަނީ ހޯދުމަށްޓަކައި ހާއްސަ ރަށެއް ހޯދުމުގެ މަސައްކަތް ފެށުމަށް ގޮވާލައްވައިފަ އެވެ. އަދި އެކަމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވިދާޅުވި އެވެ.

"އެހެންވީމާ ފުވައްމުލައް ސިޓީ އަށް ކައިރި އަތޮޅުތަކުން ވިޔަސް އެ ފުރުސަތު ހޯދުމަކީ މަރުހަބާ ކިޔާ ކަމެއް. އަދި އެކަން ކުރަން ވެސް އަޅުގަނޑު އެދެން. އިރާދަކުރެއްވިއްޔާ ހުވަދު އަތޮޅުން ނޫނީ އެހެން އަތޮޅަކުން ވިޔަސް އެކަން ކުރުމުގައި ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފަޅު ރަށެއްގައި އާމްދަނީ ހޯދުމުގެ ފުރުސަތު ދިނީމަ، ރަށުގައި ހަރަކާތްތެރިވާ ކުދި ކުންފުނިތަކުން ކައުންސިލާ ގުޅެން ޖެހޭނެ ކަމަށެވެ. އަދި ރައްޔިތުންނާއި ކައުންސިލުން އެ ރަށުގައި އިންވެސްޓްކޮށްގެން އަމިއްލަ ރަށަށް މަންފާ ހޯދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އޭރުން ކައުންސިލުތަކަށް އެ ދެވެނީ އަމިއްލަ އަށް އާމްދަނީ ހޯދޭނެ ފުރުސަތު. އެ އާމްދަނީ ހޯދާއިރުގައި ކަން ކުރާނެ ގޮތަކީ ކައުންސިލުން ޖެހޭނީ އެ ރަށެއްގެ ރައްޔިތުންނާ ބައިވެރިވާން. ރަށުގެ ކުދި ކުންފުނިތަކާއި ކައުންސިލުތަކާ ގުޅިގެން އުފައްދާ، ނޫނީ އަންނަ ޕްރޮޕޯސަލްގެ ތެރެއިން އިންވެސްޓް ކުރަން ވާނީ،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ 25 ރަށެއް ކައުންސިލްތަކަށް ދޫކުރަން ނިންމާ، ކައުންސިލްތަކުން ކުރިމަތިލުމުގެ ފުރުސަތު ސަރުކާރުން ވަނީ ހުޅުވާލައިފަ އެވެ. މިއީ މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދުގެ ދަށުން ކައުންސިލްތަކަށް ދޫކުރާ ފަޅުރަށްތަކެވެ.

ރަށެއް ހޯދުމަށް ޕްރޮޕޯސަލް ހުށައެޅުމުގެ ކުރިން ރަށުގެ ރައްޔިތުންނާ މަޝްވަރާކޮށް ރައްޔިތުންގެ ބައްދަލުވުމަކުން ޕްރޮޕޯސަލް ފާސްކުރަން ޖެހެ އެވެ. ކައުންސިލްތަކަށް ރަށްތައް ދޫކުރާނީ، ޕްރޮޕޯސަލް ހުށައެޅުމުން، ވަޒަން ކުރުމަށްފަހު އެވެ.