ތިމަންނަ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެކްޓްރެސް ކަމަށް ބުނެ ކަންގަނާ ރަނޯތް ޓުވީޓްކޮށްފި އެވެ.

އޭނާގެ ކުރިއަށް ހުރި ފިލްމްތައް ކަމަށްވާ "ދާކަޑް" އާއި "ތަލައިވީ" ގެ ޕޯސްޓަރުތައް ހިއްސާކުރުމަށް ފަހު ކަންގަނާ ލިޔެފައިވަނީ މެރައިލް ސްޓްރީޕްގެ ހުންނަ ހުނަރު އޭނާގެ އެބަހުރި ކަމަށާއި ގޭލް ގަޑޮޓް ފަދައިން އެކްޝަން އަދި ގްލެމާ ވެސް ދައްކުވައިދެވިދާނެ ކަމަށެވެ.

މީގެ އިތުރުން، އެއްވެސް މީހަކަށް އޭނާއަށް ވުރެ މޮޅު އެކްޓަރަކު ދެއްކިއްޖެ ނަމަ މި ރުޅިގަނޑު އެއްކޮށް ދޫކޮށްލާނެ ކަމަށް ކަންގަނާ ބުންޏެވެ. އަދި އެ ދުވަހެއް އަންނަން ދެން މި "ފަހުރުވެރިކަން" މަތީ ދެމިހުންނާނެ ކަމަށް އޭނާ ބުނެ އެވެ.

ކަންގަނާގެ މިޓުވީޓްތަކަށް ރައްދު ދެމުން މީހަކު ވަނީ 21 ފަހަރު އެކެޑެމީ އެވޯޑަށް ނޯމިނޭޓްވެފައިވާ މެރައިލް ސްޓްރީޕް އާއި ކަންގަނާ އެއްހަމަ ކުރުމުން އެކަމާ ފާޑުކިޔާފަ އެވެ.

މި ފާޑުކިޔުންތަކަށް ރައްދު ދެމުން "އެންމެން ހުދު ނަސްލުގެ މީހުން ވަރެއް ނެތިގެން އުޅެނީ ކީއްވެގެން ތޯ އާއި، އުމުރާއި ބަޖެޓް އެއްކައިރި ކޮށް މެރައިލް އަށް "ދާކަޑް"، "ތަލައިވީ"، "ފެޝަން"، "ކުއީން" އަދި "ޕަންގާ" ފަދަ ފިލްމުތައް ކުޅެވޭނެތޯ،" ކަންގަނާ ވަނީ ސުވާލުކޮށްފަ އެވެ. އެ ސުވާލުގެ ޖަވާބު އަމިއްލަ އަށް ދެމުން ބުނީ އޭނާ ފިޔަވާ އެހެން އެއްވެސް މީހަކަށް އެ ރޯލުތައް އަދާނުކުރެވޭނެ ކަމަށެވެ.

ކަންގަނާގެ މި ޓުވީޓްތަކާއި ގުޅިގެން އެތައް ބަޔަކު ދަނީ އޭނާއަށް ފާޑުކިޔަމުންނެވެ. ކަންގަނާ ފާހަގަވެގެން ދަނީ އަބަދުވެސް ޓުވިޓާގައި ކޮންމެވެސް އެހެން ތަރިއަކާ ޒާތީ ގޮތުން ޖައްސާލައިގެން ނުވަތަ އަމިއްލަ އަށް ބޮޑު މައްސަލަގަނޑެއް އުފައްދައިގެން އުޅޭ މީހެއްގެ ގޮތުގަ އެވެ.