ރާއްޖޭގައި ބޭނުންކުރަމުން އަންނަ ޕެނަޑޯލް ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރަޓީ (އެމްއެފްޑީއޭ) އަލުން މިއަދު ދީފި އެވެ.

އެމްއެފްޑީއޭ އިން މިއަދު ބުނީ ޕެނަޑޯލް 500 މގ. ގުޅަ ބޭހުން ކޮލިޓީ މައްސަލައެއް ފާހަގަވެފައިވާތީ އެ އޮތޯރިޓީގެ ފަރާތުން އެކަން އިތުރަށް ބެލުމުގެ ގޮތުން ލެބޯޓްރީ ތަހުލީލުތައްކޮށް ނަތީޖާ ލިބިފައިވާ ކަމަށެވެ.

"ތަހުލީލު ރިޕޯޓްތަކުން ދައްކާ ގޮތުން "ޕެނަޑޯލް" ބްރޭންޑްގައި ހުންނަންޖެހޭ މިންވަރަށް (ކޮންޓިޓޭޓިވް ޓެސްޓުން) ބޭހުގެ ސްޓްރެންތު ހުރިކަން ވަނީ ޔަގީންވެފައި،" އެމްއެފްޑީއޭ އިން ބުންޏެވެ.

މީގެ އިތުރުން އެމްއެފްޑީއޭ އިން ހާމަކޮށްފައިވަނީ އޭރު ޕެނަޑޯލް ބޭހުން ފާހަގަވި މައްސަލަ ދިމާވާން މެދުވެރިވީ ބޭސް އުފުލާ ގެންގުޅުމުގަ އާއި ގުދަންކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތަކަށް ހިފަހެއްޓިފައި ނުވުމުގެ ސަބަބުންކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެ މައްސަލަ ފާހަގަކުރެވުނު ބެޗް މާކެޓުގައި ނެތްކަން ވެސް ކަށަވަރު ކުރެވިފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.

ޕެނަޑޯލްގެ ވަކި ވައްތަރެއް ވިއްކުމާއި ބޭނުންކުރުން މަނާ ކޮށްފައިވަނީ ބޭސްގުޅަތައް ފުނޑުފުނޑުވެފައި ހުންނަކަން ފާހަގަ ކުރެވިގެންނެވެ.