އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތު އެޅުމަށް މިސަރުކާރުން ނިންމާފައި ވަނީ ކުރީގެ ކުނިކޮށި ހުރި ބިން، 38111 ނަންބަރު ކޮށީގަ އެވެ.

އަރަބިއްޔާ ސުކޫލްގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވުމަށްފަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ އާ އިމާރަތަކީ ރާއްޖޭގައި އެންމެ ފުރަތަމަ އަންޑާ ގްރައުންޑް ޕާކިން އަކާއެކު ތަރައްގީކުރާ ފުރަތަމަ ސުކޫލް އިމާރާތް ކަމަށެވެ. މީގެ އިތުރުން 10 ބުރިއަށް އިމާރާތް ކުރާ މި ސުކޫލަށް ބޭނުންވާ އިތުރު ހިދުމަތްތައް ވެސް ގާއިމްކުރެވެވިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު ސުކޫލް އިމާރާތް ކުރާ ސަރަހައްދަކީ އެންމެ އެކަށޭނަ އަދި ދަރިވަރުންނާއި ބެލެނިވެރިންނަށް ވެސް ފަސޭހަވާނެ ސަރަހައްދެއްކަން މިނިސްޓަރު ވިދާޅުވި އެވެ.

އަރަބިއްޔާ ސްކޫލް ޒަމާނީކޮށް، ފުޅާދާއިރާއެއްގައި އަރަބި ތައުލީމު ދޭ މަރުކަޒަކަށް އެ ތަން ހަދައި، ތަނަވަސް ޖާގައެއްގައި އާ އިމާރާތް ހެދުމަކީ ރައީސް މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވެ ވަޑައިގެންނެވި ވައުދެކެވެ.

ރާއްޖޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ހަމަ އެކަނި ސްކޫލަކީ އަރަބިއްޔާ ސްކޫލެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް ކުރީގެ ބާ ޖަމާލުއްދީން ހުރި ބިމުގައި ހަދަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަމިން ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރީ ސެޕްޓެމްބަރު 29، 2022 ގަ އެވެ.

ސެލެކްޓިވް ބިޑިންއަކުން، ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ ސްކޫލު އަޅަން ހަވާލުކުރީ 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެކަމަކު، ކޮންޓްރެކްޓްގެ މުއްދަތު ހަމަވިއިރު ވެސް އެ ބިމުގައި ހުރި ބާ އިމާރާތްތައް ތަޅާލުން ފިޔަވައި އިތުރު އެއްވެސް ކަމެއް އެ ސަރުކާރަކަށް ނުކުރެވުނެވެ.