މީލާދީން 1847 ވަނަ އަހަރުގެ ބަހާރު މޫސުމަށް އަޅައިގަތްއިރު އަޔަލޭންޑްގައި އޮތީ ތަދުމަޑުކަން އިންތިހާއަށް ގޮސް ބަނޑުހައި ހޫނުކަން ފެތުރިފަ އެވެ. ބަލިމަޑުކަން އޮތީ އާންމުވެފަ އެވެ. އިނގިރޭސި އިސްތިއުމާރުގެ ނުފޫޒުގެ ސަބަބުން އުފެދުނު ތަދުމަޑު ކަމުގައި އެތައް ބަޔަކު ދިޔައީ މަރުވަމުންނެވެ.

އެ ދަނޑިވަޅުގައި ތުރުކީގައި އޮތް އިސްލާމީ ޚިލާފަތުގެ ފަރާތުން އަޔަލޭންޑަށް ފޮނުވަން ނިންމި އެހީއަކީ އިނގިރޭސި ވިލާތަށް ބަލައިގަނެވޭ ފަދަ އެހީއަކަށް ނުވި އެވެ. އޭގެ ސަބަބުން ކަން ހިނގައި ދިޔަ ގޮތަކީ ތާރީޚުގައި ލިޔެވިފައި ނެތް ކަމަށް ވިޔަސް ހަގީގަތް ނުފޮރުވޭ ފަދަ މުހިންމު ހާދިސާއެކެވެ.

އުސްމާނީ ދައުލަތުގެ ރަސްކަލަކަށް އޭރު ހުންނެވީ ސުލްތާނު އަބްދުލް މަޖީދު 1 އެވެ. އަޔަލޭންޑުގެ ބޮޑުތަދުގެ ވާހަކަ އެއްސެވުމަށްފަހު ސުލްތާން ނިންމެވީ އެގައުމަށް 1،000 ޕައުންޑުގެ ފައިސާގެ އެހީ ފޮނުވުމަށެވެ. އެ ޚަބަރު އިނގިރޭސި ރަސްކަމުގެ ކޮއިލާ ހަމަޔަށް ދިއުމުން އެފަދަ އެހީ އެއް ފޮނުވައިގެން ނުވާނެ ކަމަށް އެންގި އެވެ. އޭރު ކުއީން ވިކްޓޯރިއާގެ ފަރާތުން އަޔަލޭންޑަށް ފޮނުވާފައި އޮތީ 2،000 ޕައުންޑުގެ އެހީ ކަމަށްވެ އެވެ. އެހެންކަމުން ތުރުކީގައި ހުންނެވި އިނގިރޭސި އެމްބެސެޑަރު މެދުވެރިކުރައްވައި އިނގިރޭސިވިލާތުން ސުލްތާނު އަބްދުލް މަޖީދަށް އެންގެވީ އެހީގެ މިންވަރު މަދުކުރުމަށެވެ. ސަބަބަކީ ކުއީންގެ ފަރާތްޕުޅުން ފޮނުއްވި އެހީއަށް ވުރެ އިތުރު މިންވަރެއް ފޮނުއްވަން ނިންމެވުމެވެ. ބުނެވޭ ގޮތުގައި މައްސަލަ ބޮޑުވުމުން ރަސްގެފާނުގެ ފަރާތްޕުޅުން ރަސްމީ ގޮތުން ފޮނުއްވީ 1،000 ޕައުންޑެވެ. އެހެން ނަމަވެސް ފަރުދާގެ ފަހަތުގައި ރަސްގެފާނު ކުޅުއްވީ މުޅިން ތަފާތު ރޯލެކެވެ.

ބުނެވޭ ގޮތުގައި ސުލްތާނު އަބްދުލް މަޖީދުގެ ހުށަހެޅުއެޅުއްވި އެހީގެ މިންވަރާ ހުރެ ލަދުގަނެފައި އޮތް އިނގިރޭސި ސަރުކާރުގެ ޕްރެޝަރުގެ ސަބަބުން އެހީގެ މިންވަރު މަދުކުރެއްވި ކަމަށް ވިޔަސް އަޔަލޭންޑަށް އެހީތެރިވެ ވަޑައިގަންނަވަން ރަސްގެފާނު ނިންމެވި އެވެ. އެގޮތުން ކާބޯތަކެތީން ބަރުކޮށްފައި އޮތް ފަސް ނައު، ސިއްރިޔާތުގައި އަޔަލޭންޑަށް ފޮނުއްވެވި އެވެ.

މީލާދީން 1845 ން 1852 އަށް އަޔަލޭންޑްގައި ފެތުރުނު ބޮޑުތަދަކީ ހަމައެކަނި ގުދުރަތީ ހާދިސާތަކެއްގެ ސަބަބުން ދިމާވި ކާރިސާއެއް ނޫނެވެ. އޭރު އަޔަލޭންޑް އޮތީ އިނގިރޭސި އިސްތިއުމާރުގެ ދަށުގަ އެވެ. އަޔަލޭންޑުގެ މައްޗަށް އިނގިރޭސިން ހިންގަމުން ގެންދިޔަ އިގްތިސާދީ ބޭއިންސާފު ސިޔާސަތަކީ އެ ގައުމުގައި އާންމުވި ބޮޑު ތަދުގެ އެންމެ ބޮޑު ސަބަބު ކަމަށް ތާރީޚި އިލްމުވެރިން ބުރަވެ އެވެ. އިނގިރޭސިންގެ ބޭ އިންސާފު ސިޔާސަތުގެ ސަބަބުން އެތައް މިލިއަން އައިރިޝް މީހުން މަރުވި އެވެ. މިފަދަ ދަނޑިވަޅެއްގައި ސުލްތާން އަބްދުލް މަޖީދުގެ އެ ގައުމަށް އެހީތެރި ވެވަޑައިގެންނެވުމަށް ނިންމެވި ނިންމެވުމަކީ ހަމައެކަނި އިންސާނިއްޔަތަށްޓަކައި ނިންމެވި ނިންމެވުމަކަށް ވުރެ ބޮޑަށް ސިޔާސީ ގޮތުން ނިންމެވި ނިންމެވުމެއް ކަމުގައި ބުރަވެ އެވެ.

އުސްމާނީ ޚިލާފަތުގެ ރިކޯޑްތަކުން ދައްކާ ގޮތުގައި އަޔަލޭންޑުގެ ބޮޑުތަދުގެ ޚަބަރު ސުލްތާނު އަބްދުލް މަޖީދަށް ލިބިވަޑައިގެންނެވީ އެ ރަސްގެފާނުގެ ޚާއްސަ ޑޮކްޓަރުގެ ފިރިހެން ދަރިފުޅުގެ ފަރާތުންނެވެ. އޭރު އެ ދަރިފުޅު ހުރިކަމަށް ވަނީ ޑަބްލިންގައި މަތީ ތައުލީމު ހާސިލުކުރުމަށް ގޮހެވެ. އުސްމާނީ ޚިލާފަތުން ފޮނުވި ކަމަށް ބުނާ ފައިސާ އަޔަލޭންޑަށް ލިބުނުކަމުގެ ރަސްމީ ލިޔެ ކިޔުމެއް ފެންނަން ނެތެވެ. އެހެނަސް ތުރުކީން ދިޔަ ފަސް ނައުގެ ވާހަކައަކީ ރެކޯޑު ކުރެވިފައިވާ ވާހަކައެކެވެ. ހަމަ އެފަދައިން އަޔަލޭންޑްގެ ރައްޔިތުންގެ މެދުގައި ތާރީޚީ ގޮތުން ވާރުތަވެފައިވާ މަޝްހޫރު ވާހަކައެއް ވެސް މެ އެވެ.

ސުލްތާން އަބްދުލް މަޖީދަށް އެމަނިކުފާނުގެ ފޮނުއްވެވި އެހީއަކީ ސިޔާސީ ގޮތުން ނުވަތަ ދީނީ ގޮތުން ނޫންނަމަ އިންސާނިއްޔަތަށްޓަކައި ފޮނުއްވެވި އެހީއެއް ކަމުގައި ވެސް ވެދާނެ އެވެ. ކޮންމެ ގޮތަކުން ފޮނުއްވެވި އެހީއެއް ނަމަވެސް އަޔަލޭންޑްގެ ރައްޔިތުންނަށް އެ އެހީއަކީ ފުރާނަ ސަލާމަތް ކުރުމަށް ލިބުނު ނިއުމަތެކެވެ. އިނގިރޭސި އިސްތިއުމާރާ ދެކޮޅަށް އަޔަލޭންޑުން ދެކޮޅު ވެރިކަމުގެ ހަރަކާތް ހިންގަމުން ދިޔަ ދަނޑިވަޅެއްގައި އުސްމާނީ ދައުލަތް ފަދަ ދައުލަތަކުން ލިބުނު އެހީއަކީ އެގައުމުގެ ރައްޔިތުން ތާ އަބަދު ބަލައިގަންނަ ކަމެކެވެ.