މި އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލިހުން ފާސް ކުރި ބަޖެޓުގައި މަޝްރޫއުތައް ހިންގަން ބަޖެޓުގައި އެކަށީގެންވާ ފައިސާ ނެތް ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
އުތުރުގެ ބައެއް އަތޮޅުތަކަށް ފެއްޓެވި ދަތުރުފުޅުގައި ހއ. ދިއްދޫގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކޮންމެ އަހަރަކު ވެސް ބަޖެޓު އެކުލަވާލާއިރު ފަށާފައި ހުންނަ މަޝްރޫއުތައް ނިންމަން އެކަށީގެންވާ އަދަދެއްގެ ފައިސާ ހިމަނާފައި ހުންނަ ކަމަށެވެ.
އެކަމަކު، އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލިހުން ފާސްކޮށް މި ސަރުކާރާ ހަވާލުކުރި ބަޖެޓް އޮތީ އެގޮތަށް ނޫން ކަމަށް ވިދާޅުވި އެވެ.
"މީގެކުރިން ހިނގަ ހިނގާ ހުންނަ މަޝްރޫއު، ސޮއިކޮށްފައި ހުންނަ މަޝްރޫއުތަކަށް އަބަދުވެސް ބަޖެޓުގައި ހިމަނާނެ އެ މަޝްރޫއު ނިންމޭ ވަރަށް ފައިސާ. މި ފަހަރު އެބޭފުޅުން ފާސްކޮށްފައި އަޅުގަނޑުމެންނަށް ދިން ބަޖެޓުގައި އެކަން އޮތީ އެހެނެއް ނޫން. ހިނގަ ހިނގާ ހުންނަ މަޝްރޫއު ނިންމުމާ ގާތަށް ވެސް ނެތް ފައިސާ ހިމަނާފައި." ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި އަލަށް ފަށާ މަޝްރޫއުތަކަށް ގިނަ ފަހަރު ހުންނާނީ ކިރިޔަ ކިރިޔާ މަޝްރޫއުތައް ފެށޭ ވަރަށް ފައިސާ ހިމަނައިފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ޔަގީންކަން ދީފައި އޮތުމުންނާއި އެޑްވާންސް ޕޭމަންޓް ދެވޭ ވަރަށާއި އަހަރުގެ ފަހު ކޮޅަށް މަޝްރޫއު ފެށޭ ވަރަށް ފައިސާ ހުރެދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެކަމަކު، ހިނގަ ހިނގާ މަޝްރޫއު ނިމޭ ވަރަށް، ކުރީ އަހަރު ފެށިފައި ހުރި މަޝްރޫއެއް ވިއްޔާ، މި އަހަރު މަޝްރޫއު ނިންމޭ ވަރަށް އެ ފައިސާ މީގެކުރީގައި ހިމަނާ. ނަމަވެސް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮވެގެން އަޅުގަނޑުމެންގެ އެއްވެސް ބާރެއް ނުހިނގާ ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ބަޖެޓު ހަދާފައި މިއޮތީ މި ދެންނެވީ މި ރަށުގައި އާއި ދެން ހުރި ރަށްރަށުގައި %15 ވަރަކަށް ޕަސަންޓު ވެސް ފައިސާ ނުދެވޭ ވަރަށް،" ރައީސް ވިދާޅުވި އެވެ.
ކުރީ ސަރުކާރު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި 49.8 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލިހުން ފާސް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 13 ގަ އެވެ. ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލިހަށް ބަޖެޓު ހުށަހެޅުއްވީ ޓްރާންސިޝަނަލް މުއްދަތު ނުވަތަ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ތެރޭގަ އެވެ. އެ މުއްދަތުގައި އިންތިހާބީ ރައީސްގެ އޮފީހުގެ ފަރާތުން ބަޖެޓުގައި ކަންކަން ހިމަނަން ފުރުސަތު ދިނެވެ. އެކަމަކު، އެ އޮފީހުން ފާހަގަ ކުރާ ގޮތުން ނަމަ، އޭރުގެ ސަރުކާރުން ދިނީ އެކަށީގެންވާ ވަގުތެއް ނޫނެވެ.
ރައީސް ވިދާޅުވީ މި ހާލަތުގައި ވެސް މަޝްރޫއުތައް މަޑުނުޖެހި ކުރިއަށް ގެންދެވޭނެ މަގުތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.