އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޓިކެޓުގައި މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންގެ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުމަށްޓަކައި މާދަމާރޭ ހާއްސަ ޖަލްސާއެއް ބޭއްވުމަށް އެ ޕާޓީން ނިންމައިފި އެވެ.

މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާރޭ 8:30 ގައި އާޓިފިޝަލް ބީޗުގަ އެވެ.

އެމްޑީޕީގެ ކެމްޕެއިން ލޯންޗު ކުރުމަށް ހަމަޖެހިފައި ވަނީ "މިސްރާބު ހަމަމަގަށް" މި ޝިއާރުގެ ދަށުންނެވެ.

މި ޖަލްސާގައި މަޖިލިސް އިންތިހާބަށް އެ ޕާޓީން ގެންގުޅޭ ޝިއާރާއި ލޯގު އިފްތިތާހު ކުރާނެ އެވެ. އަދި އެމްޑީޕީގެ ޓިކެޓުގައި މަޖިލިހުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން މާލޭގައި ތިއްބެވި ކެންޑިޑޭޓުން ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މަޖިލިހުގެ އިންތިހާބުގައި މިފަހަރު އެމްޑީޕީގެ ފަރާތުން 89 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެ ޕާޓީން ވާދަ ނުކުރާ ހަތަރު ދާއިރާއަކީ ވ. ފެލިދޫ ދާއިރާ އާއި ފ. ނިލަންދޫ ދާއިރާ އާއި ފުވައްމުލަކު އުތުރު ދާއިރާއަށާއި ތ. ގުރައިދޫ ދާއިރާއަށެވެ.

އެމްޑީޕީން ހަތަރު ދާއިރާ އަށް ވާދަނުކުރަން ނިންމި ނަމަވެސް އެ ދާއިރާތަކަށް ވާދަކުރައްވާ އަމިއްލަ ކެންޑިޑޭޓުންނަށް ތާއީދު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ޕާޓީން ކުރިން ވަނީ ބުނެފަ އެވެ. އެކަމަކު، އެކަމާ ގުޅޭ ގޮތުން ވަކި ގޮތެއް އަދި ނުނިންމަ އެވެ.

އެމްޑީޕީން ވާދަކުރާ ދާއިރާތަކުގެ ތެރެއިން ޕްރައިމަރީއަކާ ނުލާ 50 އަށް ވުރެ ގިނަ މީހުންނަށް ޓިކެޓު ދިން އިރު، 40 ދާއިރާއެއްގެ ޕްރައިމަރީ ބާއްވާފައިވެ އެވެ. ޓިކެޓު ލިބުނު ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ ބައެއް މެމްބަރުންނާއި ކުރީގެ ބައެއް މެމްބަރުންނާއި ކުރީގެ ސަރުކާރުގައި އިސް މަގާމުތަކެއް ފުރުއްވި ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.