ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލާން ރައީސް އޮފީހުން އަލުން ހުޅުވާލައިފި އެވެ.

އެ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލާން މިމަހުގެ ހަވަނަ ދުވަހު ކުރި އިއުލާނުގެ މުއްދަތު މި މަހުގެ 20 ވަނަ ދުވަހު ވަނީ ހަމަވެފައެވެ.

އެ އިއުލާން ބާތިލްކޮށް އަލުން ރައީސް އޮފީހުން މިއަދު ވަނީ އެ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނުގައި ވަނީ، އަންނަ މަހުގެ 12ވަނަ ދުވަހުގެ 12:00ގެ ނިޔަލަށް އެ މަގާމަށް ކުރިމަތިލާން ހުޅުވައިލައިފައެވެ.

މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން 12:00އަށެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހާއި މެންބަރު މުހައްމަދު ފަރުޝަތާއި ފާތިމަތު ޝަރީފްގެ މެންބަރު ކަމުގެ މުއްދަތު އަންނަ މަހުގެ ތެރޭގައި ހަމަވާނެއެވެ.