ފުވައްމުލަކުން އިތުރު ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ޖުމްލަ 8 އަށް އިތުރުވެއްޖެ އެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނީ ރޭ 11:00 ގެ ނިޔަލަށް ޑުބާއީން ދިޔަ މީހާގެ ކްލަސްޓާއާ ގުޅުންހުރި ފަރާތްތަކުގެ 20 ސާމްޕަލް ޓެސްޓްކޮށްގެން އޭގެ ތެރެއިން 8 މީހެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ކޮވިޑަށް ހެދޭ ޓެސްޓްތަކުގެ ނަތީޖާ ދެން އިއުލާންކުރާނީ މިރޭ 10:00 ގައި ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ހޮސްޕިޓަލުން ބުނީ އެ ރަށުން ކޮވިޑް ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާތީވެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތަށް، ފުވައްމުލަކު ހޮސްޕިޓަލްގެ ޓީމަށް އެހީތެރިވެދިނުމުގެ ގޮތުން އެ ރަށު ކައުންސިލްގެ މުވައްޒިފުން މަސައްކަތްކުރަމުންދާ ކަމަށެވެ.
"ކޮވިޑް-19ގެ ނުރައްކަލުން މި ސިޓީގެ ރައްޔިތުން ރައްކާތެރިކުރުމަށް އަޅުގަނޑުމެންގެ ޓީމް މިރޭ ވެސް މެންދަމުން އަލިވިލުނުއިރު ކޮންޓެކްޓް ޓްރޭސިން ހެދުމުގައި. މި މަސައްކަތުގައި ސިޓީ ކައުންސިލް އިދާރާގެ ހަތް މުވައްޒަފުން އެކުލެވޭ ޓީމެއް މިހާރުވަނީ ކޮންޓްރެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތާ ގުޅިވަޑައިގެންފައި،" އެ ހޮސްޕިޓަލުން ބުންޏެވެ.
އެ ރަށު ހޮސްޕިޓަލުން މިއަދު ހަވީރު ބުނީ މިދޔަ އާދިއްތަ ދުވަހު ފުވައްމުލަކުން ކޮވިޑަށް ޓެސްޓް ކުރުމަށް ނެގި 150 ރެންޑަމް ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި މީހަކީ ދުބާއީން ގޮސް ފުވައްމުލަކުގައި ކަރަންޓީނުކޮށްފައި ހުއްޓާ ކޮވިޑް-19އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވި މީހެއްކަން މިހާރު ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެޗްޕީއޭ އިން ވަނީ ފުވައްމުލައް މޮނިޓަރިންގެ ހާލަތަށް ގެނެސް އެރަށަށް އަރައި ފޭބުން މަނާކޮށްފަ އެވެ. އެކަމާ ގުޅިގެން ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ އެރަށުގައި ބަލި އިތުރަށް ފެތުރިގެން ދިޔުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ.
އެގޮތުން ޒަރޫރީ ބޭނުމެއް ނެތި އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުމާއި ގެއިން ބޭރަށް ނުކުތުން ވަނީ މަނާކޮށްފަ އެވެ. އަދި ސްކޫލްތަކާއި ކޮލެޖްތަކާއި ޓިއުޝަން ކުލާސްތަކާއި ގުރުއާން ކްލާސްތައް އަދި އެހެނިހެން ގޮތް ގޮތުން ހިންގާ ހުރިހާ ކްލާސްތައް ބަންދުކޮށް، އޮންލައިންކޮށް ކަލްސާތައް ކުރިއަށް ގެންދިޔުމަށް ވަނީ އަންގާފަ އެވެ.