ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް މިފްކޯއިން ހަދިޔާދިނީ އެ ކެންޑިޑޭޓުންނަށް ތާއީދު ހޯދައިދިނުމުގެ ނިޔަތުގައި ނޫން ކަމަށް ކަމަށް މިފްކޯއިން މިއަދު ބުނެފި އެވެ.

މިފްކޯއިން ޕީއެންސީގެ ބައެއް ކެންޑިޑޭޓުންނަށް އެ ކުންފުނިން ވިއްކާ އެކި ބާވަތުގެ އުފެއްދުންތައް ހިމެނޭ ޕާރުސަލް ހަދިޔާ ކުރާ ފޮޓޯ އެ ކުންފުނީގެ ރަސްމީ އެކްސް އެކައުންޓުން ފެބްރުއަރީ އެކެއްގައި އާންމުކޮށްފައިވެ އެވެ. ފޮޓޯތަކުން ފެންނަނީ އެކުންފުނީގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދު، ޕީއެންސީގެ ބައެއް ކެންޑިޑޭޓުންނަށް ހަދިޔާ ދޭ މަންޒަރެވެ. ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން އެ ފޮޓޯތައް ފަހުން ވަނީ ޑިލީޓްކޮށްފަ އެވެ.

ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)، ވަނީ އެ މައްސަލަ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ އަށް ހުށަހަޅުއްވާފަ އެވެ.

އެކަމާ ގުޅިގެން އެ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ވަނީ ބާއްވާފަ އެވެ. އެ ބައްދަލުވުމަށް ހާޒިރުކުރީ މިފްކޯއާއި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރެޓޭޝަން ބޯޑް (ޕީސީބީ)ގެ ވެރިންނެވެ.

މެމްބަރު ބޮންޑޭގެ ސުވާލަށް ޖަވާބު ދެއްވަމުން މިފްކޯގެ ޕްރޮޖެކްޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު މުއާޒް އަލީ ވިދާޅުވީ ކެންޑިޑޭޓުންނަށް ހަދިޔާ ދިނީ މިފްކޯއަށް ޒިޔާރަތްކުރައްވާ އިއްޒަތްތެެރިންނަށް ހަދިޔާ ދޭ އާއްމު އުސޫލުން ކަމަށެވެ.

އެކަން އެގޮތަށް ކުރަނީ މިފްކޯގެ ޕްރޮޑަކްޓްތައް އިޝްތިހާރު ކުރުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ދުވަސްވަރު މިފްކޯގެ ސީއީއޯ ބައްދަލުކުރައްވަން ވަރަށް ގިނަ ބޭ

އޭނާ ވިދާޅުވީ ސީއީއޯ ބައްދަލުކުރައްވަނީ ހަމައެކަނި ޕީއެންސީގެ ކެންޑިޑޭޓުންނާ ނޫން ކަމަށެވެ.

ހަދިޔާދޭ ފޮޓޯ އާއްމުކުރީ އެކަަމަށް ހާއްސަކޮށްފައި ތިބޭ މުވައްޒަފުން އަމިއްލައަށް ކަމަށާއި އެކަން ތަކުރާރު ނުވާނެ ފަދަގޮތަކަށް ކަންކަން އިންތިޒާމްކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިފްކޯގެ ސީއީއޯ އަހުމަދު ސަމާހު ރަޝީދު ވިދާޅުވީ އެ ފޮޓޯތައް ޓްވީޓްކުރިކަން އެނގުނީ ފޯން ކޯލަކުން ކަމަށެވެ.

"ދެން ވަރަށް ގިނަ ބޭބޭފުޅުންގެ ފޯންކޯލްތައް ލިބެމުން ދާން ފެށީމާ އަޅުގަނޑު އެރޭ ޓްވިޓާ ހޭންޑުލް ބަލައިލީވެސް، ބަލައިލީމާ އަޅުގަނޑަށް މީއްޗިހި ފެނުނީމާ ގުޅާފައި ބުނެފިން ވަގުތުން އޭއްޗިހި ހަމަ ޑިލީޓް ކުރަން. އެހެންވީމާ އަޅުގަނޑު ހަމަ އަންގައިގެން އޭއްޗިހި ޑިލީޓް ކުރީ،" ސަމާހު ވިދާޅުވި އެވެ.

މިފްކޯގެ ވަސީލަތްތައް ބޭނުންކޮށްގެން ވަކި ކެންޑިޑޭޓަކަށް ކެމްޕޭން ކުރުމަކީ އެ ކުންފުނިން ކުރާނެ ކަމެއް ނޫން ކަމަށް ވެސް ޝަމާހު ވިދާޅުވި އެވެ.