އެޕޯލޯ ކުންފުނިން ހުޅުމާލޭގައި ތަރައްގީ ކުރަމުންގެންދާ 9 އެޕާޓްމަންޓް ކޮމްޕްލެކްސްއަށް ބޭނުންވާ 46 ލިފްޓް ސަޕްލައިކޮށް އިންސްޓޯލް ކުރުމަށް އެސްޓީއޯއާ ހަވާލުކޮށްފި އެވެ.

އެސްޓީއޯ އިން ބުނިގޮތުގައި މިއަދު އެކަމަށްޓަކައި ސޮއިކުރި އެއްބަސްވުމުގެ ދަށުން، އެޕޯލޯއިން ތަރައްގީ ކުރާ ފުރަތަމަ ދެ ޓަވަރަށް މި އަހަރު ތެރޭގައި ލިފްޓު ސަޕްލައި ކޮށް، އިންސްޓޯލް ކުރެވިގެންދާނެ އެވެ. އަދި މިއެއްބަސްވުމުގައި ހިމެނޭ ގޮތުން ކޮންމެ ޓަވަރެއްގައި ވެސް މަދުވެގެން ޖުމްލަ ފަސް ލިފްޓް ހަރުކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ލިފްޓު މާކެޓުގައި މިހާރު ރާއްޖޭގައި އެންމެ މަގްބޫލު އެއް ލިފްޓު ބްރޭންޑް ކަމަށްވާ "ކޯނޭ"ގެ ރާއްޖޭގެ ޑިސްޓްރިބިއުޓަރަކީ އެސްޓީއޯ އެވެ. އެޕޯލޯ ޓަވަރުތަކުގައި ހަރުކުރާ "ކޯނޭ" ލިފްޓުތައް ވެގެން ދާނީ އެންމެ ޒަމާނީ އަދި ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ ފީޗާތައް ހިމެނިގެންދާނެ ލިފްޓްތަކެކެވެ.

އެޕޯލޯގެ ޓަވަރުތައް

އެސްޓީއޯއިން މީގެ ކުރިން ވެސް ރާއްޖޭގެ ރިއަލްއެސްޓޭޓް މާކެޓުގައި ހިމެނޭ ބޮޑެތި ޕްރޮޖެކްޓްތަކެއްގައި "ކޯނޭ" ލިފްޓު ހަރުކޮށް ދީފައިވެ އެވެ.

ކޯނޭ ބްރޭންޑަކީ ދުނިޔޭގައި ލިފްޓާއި އެސްކެލޭޓަރު އިންޑަސްޓްރީގެ ވިދުންގަދަ އެއް ނަމެވެ. "މެޝިންރޫމް ލެސް" ލިފްޓް ދުނިޔެއަށް ތައާރަފް ކުރީ މިބްރޭންޑުންނެވެ. މިކަން ވެގެން ދިޔައީ ލިފްޓް ޓެކްނޮލޮޖީއަށް އައި އިންގިލާބީ ބަދަލަކަށެވެ.