ދެހާސްނަވާރަ ވަނަ އަހަރުން ފެށިގެން ގާތްގަނޑަކަށް ދެ އަހަރު ދުވަހު މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ދެމެދު ހިނގި މުއާމަލާތުގެ ތެރެއިން އެތައް މިލިއަން ރުފިޔާގެ ހިޔާނާތްވި މައްސަލާގައި ތިން މީހަކަށް ދައުވާކޮށްފި އެވެ.

ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި ދައުވާ އުފުލީ އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޗީފް މެނޭޖަރު މުހައްމަދު އައިމަން، ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އެސިސްޓެންޓް މެނޭޖަރު ހަސަން ދީދީގެ އިތުރުން އެފްއެސްއެމްގެ ތެޔޮ ބައުޒަރު ޑްރައިވަރަކަށް އުޅުނު ބަންގްލަދޭޝްގެ ސޮޖިބްގެ މައްޗަށެވެ.

އައިމަންގެ މައްޗަށް އުފުލި ދައުވާތަކަކީ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އަދި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގި ހުރެ، ސައްހަ ނޫން ލިޔުމެއްގެ ތެދުކަން ދެއްކުމުގެ ކުށުގެ ދައުވާ އެވެ.

ހަސަން ދީދީގެ މައްޗަށް އުފުލީ މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ދައުވާ އެވެ. ސޮޖިބްގެ މައްޗަށް އުފުލި ދައުވާތަކަކީ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އަދި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ދައުވާ އެވެ.

ހިޔާނާތުގެ ދައުވާގެ އަސާސީ އަަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ. ސައްހަ ނޫން ލިޔުމެއް ތެދެއް ގޮތަށް ދެއްކުމުގެ ދައުވާގެ އަސާސީ އަދަބަކީ 9 މަހާއި 18 ދުވަހަށް ޖަލަށް ލުމެވެ. ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ކްރިމިނަލް ކޯޓަށް މި މައްސަލަ ހުށަހެޅީ ބުދަ ދުވަހު އެވެ.

ޕީޖީން ކުރި ދައުވާގައި ތުހުމަތު ކުރާ ގޮތުގައި އައިމަން ވަނީ 13 ޖަނަވަރީ 2020 އިން ފެށިގެން 10 އޮކްޓޫބަރު 2020 ގެ ނިޔަލަށް ތައްޔާރުކޮށްފައިވާ 119 ޑެލިވަރީ ނޯޓު ބަލައިގަނެ ސޮއިކުރުމަށް ހަސަން ދީދީއަށް އިރުޝާދު ދީފަ އެވެ. އަދި އެމްޕީއެލަށް ލިބިފައިނުވާ 783،100 ލީޓަރުގެ ތެޔޮ ލިބުނު ކަމަށް ސިސްޓަމަށް އެންޓާކޮށް އެ ތެލުގެ އަގަށްވާ 6،799،800.00 ރުފިޔާ އެފްއެސްއެމްއަށް ދައްކައިފަ އެވެ.

އެ 119 ޑެލިވަރީ ނޯޓު އުފެއްދި ކަމުގެ ތުހުމަތު ކޮށްފައިވަނީ ސޮޖިބްގެ މައްޗަށެވެ. އެ ނޯޓުތަކުގައި ޑެލިވަރީކޮށްދިން ޑްރައިވަރުގެ ހައިސިއްޔަތުގައި އޭނާ ސޮއިކޮށްފައިވާ ކަމަށް ޕީޖީން އުފުލި ދައުވާގައި ބުނެ އެވެ. އަދި ހަސަން ދީދީ، އެ ލިޔުންތައް ބަލައިގަނެ ސޮއިކުރުމަށްފަހު ލިޔުންތައް ސިސްޓަމްއިން ބަލައިގަނެ ޕްރޮސެސް ކުރުމަށްޓަކައި ޑެލިވަރީ ނޯޓްތައް އައިމަންއާ ހަވާލުކޮށްފައިވާ ކަމަށް ދައުވާގައި ބުނެ އެވެ.