ކުރިއަށް އޮތް ރޯދަ މަހުގެ ތެރޭގައި ކަރަންޓު ބިލާއި ފެން ބިލް ބޮޑު ނުވާނެ ގޮތަށް ކެޕް ކުރަން ފެނަކަ، ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީގެ ވެރިންނަށް އަންގަވާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރ. އަތޮޅާއި ބ. އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް ޑރ. މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބ. އޭދަފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ފަސޭހަވެ، ލުއި ވާނެ ކަންތައްތަކެއް ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރަމަޟާން މަހަކީ އާންމުކޮށް ކަރަންޓު ބިލާއި ފެން ބިލް ބޮޑުވާ މަހެއް ކަމުން އެހެން ވިޔަ ނުދޭން ނިންމަވާފައިވާ ކަމަށް ވިދާޅުވި އެވެ.

"މިފަހަރު އެހެނެއް ނުވާނެ. އާންމު މަހެއްގައި އެ ހުންނަ ރޭޓްގައި ކެޕްކޮށްފައި، މާނައަކީ އެއަށް ވުރެ މައްޗަކަށް ނުދާނެއޭ. އާންމު މަހެއްގައި ހުންނަ ވަރަށް ރަމަޟާން މަހު ކަރަންޓު ބިލާއި ފެން ބިލް ހުންނާނީ،" ރައީސް ވިދާޅުވި އެވެ.

ރޯދަ މަހު ކަރަންޓު ބިލާއި ފެން ބިލް ބޮޑުނުވާ ގޮތަށް ހެދުމަށް ފެނަކަ އާއި ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީގެ ވެރިންނަށް އަންގަވާފައިވާނެ ކަމަށާއި އެ ތަންތަނުގެ ވެރިން ވެސް ބިލް ބޮޑު ނުވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ފެން ބިލް ވެސް އާންމު މަހެއްގައި ހުންނަ ވަރަށް ކިތަންމެ ލޯޑް ބޮޑުވިޔަސް އިތުރަކަށް ނުނަގާނަން ރައްޔިތުންގެ އަތުން އެއްޗެއް، ކަރަންޓު ބިލް ވެސް. އެއީ ވެސް ރައްޔިތުންނަށް ލުޔެއް ދޭން ވެގެން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސްޓެލްކޯ އިން ހައެއްކަ ރަށުގައި ފެނުގެ ހިދުމަތް ދެމުން އަންނަ އިރު، އެ ރަށްތަކުން މިހާތަނަށް 30ރ. ގެ ޗާޖެއް ނަގަ އެވެ. ރައީސް ވިދާޅުވީ އަންނަ މަހުން ފެށިގެން އެ ރަށްތަކުން ވެސް ނަގަމުން އަންނަ ޗާޖް އުވާލެވޭނެ ކަމަށެވެ.

ރައީސް ވަނީ ކުރިއަށް އޮތް ރަމަޟާން މަހު ކޮންމެ ގޭބިސީއަކަށް 10 ކިލޯގެ ފުށް ބަސްތާއަކާއި 10 ކިލޯގެ ހަނޑޫ ބަސްތާއެއް ދިނުމަށް ނިންމަވައިފަ އެވެ.