ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތައް ދުވަހެއް ދުވަހަކަށް ވަރުގަދަ ކުރަމުންދާއިރު، ހަމަލާތަކުގައި ޝަހީދުވާ އާންމު ރައްޔިތުންގެ އަދަދު ދަނީ އިންތިހާއަށް އިތުރުވަމުންނެވެ.

ހަމަލާތަކުގައި ޝަހީދުވާ މީހުންގެ ތެރޭގައި ޣައްޒާގެ ކުޑަކުދިންނާއި އަންހެނުން ވެސް ގިނަ އަދަދަކަށް ހިމެނެ އެވެ. އެގޮތުން ޔަހޫދީ އިސްރާއީލުގެ ހަމަލާތަކުގައި ވަނީ ޣައްޒާގެ 14 މެމްބަރުންގެ އާއިލާއަކަށް ނިސްބަތްވާ އެންމެ ހަގު، ދެކުދިން ވަނީ ޝަހީދުކޮށްލައިފަ އެވެ.

އާދިއްތަ ދުވަހު ޔަހޫދީ އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވެފައިވާ ވެސާމް އަބޫ އަންޒާ އަދި ނައީމް އަބޫ އަންޒާއަކީ އުމުރުން ހަތަރު މަހުގެ އެއްމާބަނޑު ދެކުދިންނެވެ.

މި އެއްމާބަނޑު ދެކުދިންގެ ޖަނާޒާގައި، ދެކުދިންގެ ފުރާނަނެތް ހަށިގަނޑުގައި އޮޅުލައިގެން އިނދެ، އެކުދިންގެ މަންމަ ރާނިޔާ ބުނެފައިވާ ގޮތުގައި އޭނާއަށް އެ ދެ ދަރިން ލިބުނީ ދަރިއެއް ހޯދުމަށް އެތައް އަހަރުތަކަކަށް ދިގުދެމިގެންދިޔަ ފަރުވާތަކެއް ކޮށްގެންނެވެ.

އެ ދެ ކުދިންގެ ކޮލަށް ބޮސްދެމުން ރާނިޔާ ބުނެފައިވަނީ އެ ދެ ކުދިންނަކީ އޭނާގެ މުޅި ދިރިއުޅުން ކަމަށާއި، ދެކުދިންގެ ވަކިވުމާއެކު އޭނާގެ ހިތް ކުދިކުދިވެފައިވާ ކަމަށެވެ. ރާނިޔާ ބުނެފައިވަނީ އެ ދެ ކުދިންގެ ބައްޕަ އަބޫ އަންޒާ ވެސް ޝަހީދުވެފައިވަނީ ޔަހޫދީ އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ކަމަށެވެ.

މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަގޮތުގައި މި ދެކުދިންގެ ޖަނާޒާގައި އެކުދިން ވަޅުލުމަށް ގެންދިއުމަށް ވެސް ރާނިޔާ ދިޔައީ ދެކޮޅު ހަދަމުންނެވެ. ރޮއެ ގިސްލާ ހާލުގައި އޭނާ ބުނަމުން ދިޔައީ އޭނާގެ ދެ ދަރިން އޭނާއާ ވަކި ނުކުރުމަށެވެ. އެ ދެދަރިންނާ ނުލާ އޭނާއަށް ދުނިޔޭގައި ނޫޅެވޭނެ ކަމަށް ބުނަމުން ދިޔަ އެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި އެއްމާބަނޑު ދެކުދިން ޝަހީދުވި ހަމަލާގައި މި ދެކުދިންގެ އިތުރުން، އިތުރު ހަ ކުއްޖަކުވެސް ވަނީ ޝަހީދުވެފައެވެ. އަދި މި ހަމަލާގައި ޝަހީދުވި އެއްމާބަނޑު ދެކުދިންނަކީ ރާނިޔާގެ ދެމަފިރިން 10 އަހަރު ދުވަހަށް ދިގުދެމިގެން ދިޔަ އައި.ވީ.އެފް ފަރުވާގެ އެތައް ވޭނަކާއި ބުރައެއް އުފުލައިގެން ލިބިފައިވާ ދެ ކުދިންނެވެ.

ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދޭން ފެށިތާ ގާތްގަނޑަކަށް މަހެއް ފަހުން އުފަންވެފައިވާ މި ދެކުދިންގެ ގެއަށް އިސްރާއީލުގެ ހަމަލާތައް އަމާޒުވެފައިވަނީ އާދިއްތަ ދުވަހުގެރޭ ގާތްގަނޑަކަށް 11:30 ހާއިރުކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފަ އެވެ. އެގޮތުން މި ހަމަލާ އެގެއަށް އަމާޒުވެފައިވަނީ ދެ ދަރިންނަށް ގާތުން ދިނުމަށްފަހު ރާނިޔާއަށް ވެސް ނިދިފައި އޮއްވާކަމަށް އޭނާވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ.

"އަހަރުމެން ތިބީ ނިދާފައި.. އެ ދެކުދިންނަކީ ބަޑިއެއް ޖެހޭ ވަރުގެ ދެކުދިންނެއް ނޫން... އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ކުރެވޭ ވަރުގެ ދެކުދިންނެއް ވެސް ނޫން... އެ ދެކުދިންގެ ކުށަކީ ކޮބާ؟ .. އަހަރެން ދެން ދިރިއުޅޭނީ ކިހިނެތް؟" އެ ދެކުދިންގެ މަންމަ ރާނިޔާ ބުނެފައިވެ އެވެ.

ޣައްޒާގައި ހަރަކާތްތެރިވަމުން އަންނަ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޔަހޫދީ އިސްރާއީލުގެ ހަމަލާތައް އަމާޒު ކުރަމުންދަނީ އާންމުން ދިރިއުޅެމުންދާ ގެތަކަށެވެ. ނަމަވެސް އިސްރާއީލުން ބުނަމުން އަންނަނީ އެގައުމުގެ އަސްކަރިއްޔާއިން ހަމަލާތައް ދެމުން އަންނަނީ ހަމާސްގެ ހަނގުރާމަވެރިން ދިރިއުޅެމުން އަންނަ ގެތަކަށް އަމާޒުކޮށް ކަމަށެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި ހަނގުރާމައިގައި ފަލަސްތީނުގެ 12،300 އަށް ވުރެ ގިނަ ކުޑަކުދިން ވަނީ ޝަހީދުކޮށްލައިފަ އެވެ.