ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ގާއިމުވެ ތިބޭ މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުންގެ އިސްވެރިޔާއާ ހަވާލުކޮށްފައިވާ އަގުބޮޑު ކާރެއް ވީނުވީއެއް ނޭނގި ގެއްލިއްޖެ އެވެ.

އެ ކާރަކީ މިދިޔަ އަހަރު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އޭނާއާ ހަވާލުކުރި ކާރެކެވެ.

އިމިގްރޭޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޖަޕާނުން ހަދިޔާކުރި މަޒްޑާ ބްރޭންޑްގެ އެންމެ ފަހުގެ އެ ކާރު ގެއްލިގެން އޭނާއާ ސުވާލުކުރުމުން ކާރަށް ވީގޮތެއް ނޭނގޭ ކަމަށް ބުނެފައިވާ ކަމަށެވެ.

"އެއާޕޯޓް އިމިގްރޭޝަންގެ އިސްވެރިޔާއާ ސުވާލުކުރުމުން އޭނާ ބުނީ ތިމަންނާއަކަށް ނޭނގެއޭ އެ ކާރަށްވީ ގޮތެއް. އެ ކާރަކީ މަގާމުގެ ހައިސިއްޔަތުން ބޭނުންކުރުމަށް ރަސްމީކޮށް އޭނައާ ހަވާލުކޮށްފައިވާ ކާރެއް،" އޮފިޝަލް ވިދާޅުވި އެވެ.

އެ ކާރު ގެއްލުނު މައްސަލަ އިމިގްރޭޝަނުން މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ.

އެނގިފައިވާގޮތުގައި ޕޮލިސް ޓޯޔާޑްގައި ޓޯކޮށްފައިވާ ވެހިކަލްތަކުގެ ތެރޭގައި ވެސް އެ ކާރު ހުރިތޯ ބެލި އެވެ. ނަމަވެސް އެ ކާރު ޓޯކޮށްފައެއް ނެތެވެ.

ފުލުހުން ވަނީ އެ ކާރު ހޯދުމަށްޓަކައި ރާއްޖޭގެ އާބާދީ ބޮޑެތި ރަށްތައް ވެސް ބަލައިފަ އެވެ. ނަމަވެސް އެއިން އެއްވެސް ރަށަކުން އެ ކާރު ފެނިފައެއް ނުވެ އެވެ.