އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް ކަމުގެ މަގާމަށް އެ ކޮމިޝަންގެ މެމްބަރު އަލީ ނަޝާތު މިއަދު އައްޔަން ކުރައްވައިފި އެވެ.

އީސީގެ ނައިބު ރައީސަކު އިންތިހާބުކޮށްފައި މިވަނީ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިސްމާއިލް ހަބީބް މެމްބަރު ކަމުގެ ދެ ދައުރު ފުރިހަމަކުރައްވައި ރިޓަޔާ ކުރެއްވުމުންނެވެ. އެހެންވެ، އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އާންމު ޖަލްސާއެއް ބާއްވައި ނައިބު ރައީސަކު ކަނޑައަޅައިފަ އެވެ.

އަލީ ނަޝާތު މިހާރު ފުރުއްވަމުން ގެންދަވަނީ އީސީގެ މެމްބަރުކަމުގެ ދެވަނަ ދައުރެވެ. އީސީގެ މެމްބަރު ކަމަށް ނަޝާތު އެންމެ ފުރަތަމަ އައްޔަންކުރީ 2018 ގަ އެވެ. ދެ ވަނަ ދައުރަކަށް އޭނާ އައްޔަންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 16 ގަ އެވެ.

ހަބީބު އީސީން ވަކިވެވަޑައިގެންނެވީ އާންމު އިންތިހާބުތައް ރާވައި ހިންގުމުގައި، އިންތިހާބުތަކާ ބެހޭ އޮފީހުގެ މުވައްޒަފެއްގެ ހައިސިއްޔަތުންނާއި މެމްބަރެއްގެ ހައިސިއްޔަތުން ޖުމްލަ 21 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު އެވެ.

އެ ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހަބީބު އެ ކޮމިޝަނަށް ފުރަތަމަ އައްޔަންކުރީ ރައީސް ޔާމީންގެ ވެރިކަމުގައި 13 މާޗު 2014 ގަ އެވެ. ދެވަނަ ދައުރަކަށް މެމްބަރެއްގެ ގޮތުގައި ހަބީބް ކޮމިޝަނަށް އައްޔަންކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގައި 13 މާރިޗު 2019 ގަ އެވެ. ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމަށް ހަބީބު އައްޔަންކޮށްފައި ވަނީ 25 ޖެނުއަރީ 2021 ގަ އެވެ.

ހަބީބް ވަނީ އޭނާއަށް ރައްޔިތުންނާއި ކޮމިޝަންގެ މުވައްޒަފުންނާއި ސިޔާސީ ޕާޓީތަކާއި އަދި މުއައްސަސާތަކުގެ އިތުރުން ނޫސްވެރިން ކުރި އިތުބާރަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

"އާންމު އިންތިހާބުތައް ރާވައި ހިންގުމުގައި، އިންތިހާބުތަކާ ބެހޭ އޮފީހުގެ މުވައްޒަފެއްގެ ހައިސިއްޔަތުންނާއި ކޮމިޝަންގެ މެމްބަރެއްގެ ގޮތުން ރައްޔިތުންނަށް ހިދުމަތް ކުރަން ލިބުނު 21 އަހަރަކީ ދެމިހުންނާނެ ތަޖުރިބާއެއް،" ހަބީބު މިއަދު ފޮނުއްވި މެސެޖަކު ވިދާޅުވެފައިވެ އެވެ.