އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ތަރުޖަމާނަކަށް އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޒަކަރިއްޔާ ހަމަޖައްސައިފި އެވެ.

އީސީގެ ތަރުޖަމާނަކަށް ޒަކަރިއްޔާ ހަމަޖެއްސީ، ކުރިން އެ މަގާމު ފުރުއްވި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް މެމްބަރު ކަމުގެ ދެ ދައުރު ފުރިހަމަކުރައްވައި ރިޓަޔާ ކުރެއްވުމުންނެވެ. ހަސަން ޒަކަރިއްޔާ ތަރުޖަމާނަކަށް ހަމަޖެއްސި އިރު، އޭނާ ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފަ އެވެ.

މިއަދާ ހަމައަށް އީސީގެ ތަރުޖަމާނެއްގެ މަގާމު ފުރުއްވާފައި ވަނީ ހަބީބެވެ.

އީސީން ކުރި ޕޯސްޓެއްގައި ބުނީ ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން، މީޑިއާތަކަށް މައުލޫމާތު ދެއްވާނީ ހަސަން ޒަކަރިއްޔާ ކަމުގައި، ކޮމިޝަނުގެ 820 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އާންމު ޖަލްސާއެއް ބާއްވައި ނައިބު ރައީސަކު ކަނޑައަޅައިފަ އެވެ. އެ މަގާމަށް އައްޔަން ކުރެއްވީ އެ ކޮމިޝަންގެ މެމްބަރު އަލީ ނަޝާތެވެ. އަލީ ނަޝާތު މިހާރު ފުރުއްވަމުން ގެންދަވަނީ އީސީގެ މެމްބަރުކަމުގެ ދެވަނަ ދައުރެވެ. އީސީގެ މެމްބަރު ކަމަށް ނަޝާތު އެންމެ ފުރަތަމަ އައްޔަންކުރީ 2018 ގަ އެވެ. ދެ ވަނަ ދައުރަކަށް އޭނާ އައްޔަންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 16 ގަ އެވެ.

ހަބީބު މިއަދު ވިދާޅުވީ އާންމު އިންތިހާބުތައް ރާވައި ހިންގުމުގައި، އިންތިހާބުތަކާ ބެހޭ އޮފީހުގެ މުވައްޒަފެއްގެ ހައިސިއްޔަތުންނާއި ކޮމިޝަންގެ މެމްބަރެއްގެ ގޮތުން ރައްޔިތުންނަށް ހިދުމަތް ކުރަން ލިބުނު 21 އަހަރަކީ ނެތިގެންދާނޭ ތަޖުރިބާއެއް ނޫން ކަމަށެވެ.

އެ ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހަބީބު އެ ކޮމިޝަނަށް ފުރަތަމަ އައްޔަންކުރީ ރައީސް ޔާމީންގެ ވެރިކަމުގައި 13 މާޗު 2014 ގަ އެވެ. ދެވަނަ ދައުރަކަށް މެމްބަރެއްގެ ގޮތުގައި ހަބީބް ކޮމިޝަނަށް އައްޔަންކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގައި 13 މާރިޗު 2019 ގަ އެވެ. ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމަށް ހަބީބު އައްޔަންކޮށްފައި ވަނީ 25 ޖެނުއަރީ 2021 ގަ އެވެ.

ހަބީބް ވަނީ އޭނާއަށް ރައްޔިތުންނާއި ކޮމިޝަންގެ މުވައްޒަފުންނާއި ސިޔާސީ ޕާޓީތަކާއި އަދި މުއައްސަސާތަކުގެ އިތުރުން ނޫސްވެރިން ކުރި އިތުބާރަށް ޝުކުރު އަދާ ކުރައްވާފަ އެވެ.