ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށް ވުރެ ރައީސް މުހައްމަދު މުއިއްޒު ވެރިކަން ކުރައްވާލެއް އަނިޔާވެރި ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތ. ތިމަރަފުށީ ދާއިރާގެ އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވާ ކެންޑިޑޭޓް ފަތުހުﷲ ޖަމީލުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ ރައީސް ޔާމިންގެ ސަރުކާރަށް ވުރެ މި ސަރުކާރުގެ އަނިޔާވެރިކަން ބޮޑުކަމަށާއި އެކަން މިހާރު ފެންނަމުންދާ ކަމަށެވެ. އަދި ރައްޔިތުންނަށް ދޮގު ހަދައި އޮޅުވާލައިގެން ބަޔަކު ވެރިކަމަށް އައިނަމަވެސް ރާއްޖެ އަކީ އަނިޔާވެރި ފުދުންތެރިކަން ނެތް ގައުމަކަށް ހަދަން ޖާގަ ދެވެން ނެތް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ މި ވާނުވާ ސަރުކާރަށް ލިބިއްޖެނަމަ، ފާއިތުވެދިޔަ 10 ވަރަކަށް އަހަރު ލިބުނު ބަސް ބުނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އެންމެ ފުރަތަމަ ދުއްވާލާނެ ކަމަށެވެ. އަދި އެކަން ނުކުރެވި އޮތީ އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގައި މިހާރު އޮތުމުން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހީކުރީ ރައީސް ޔާމީނުގެ ސަރުކާރުގައޭ އެންމެ ބޮޑަށް އަނިޔާވެރިކަން އަޅުގަނޑުމެނަށް ފެނުނީ، ނޫން. އަޅުގަނޑަށް އެއަށް ވުރެ މާ ބޮޑަށް އަނިޔާވެރިކަން އެބަ ފެނޭ މިސަރުކާރާ އެއްކޮށް. ރައީސް ޔާމީނުގެ ސަރުކާރުގައި އަނިޔާކުރެއްވީ ރައީސް ޔާމީނުގެ ވެރިކަމާ ތޮޅޭ މީހުންނަށް، އެ ބޭފުޅާއަށް ދެކެވުނީ އޮޕޮޒިޝަނެއް އޮވެގެން ނުވާނެ ކަމަށް،" ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ފައްޔާޒް ވިދާޅުވި އެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ވިދާޅުވީ މި ސަރުކާރަށް ހަތަރު މަހުގައި ފެނުނު ކުލަވަރުން ސަލާމަތް ނުވާ ހިސާބަށް ކަންކަން ހިނގައިދާނެ ކަން އެނގޭ ކަަމަށާއި މިސްރާބު އޮތީ ވަރަށް ގޯސްކޮށް ކަމަށެވެ. ގައުމު ދަނީ ވަރަށް ނުބައި ދިމާލަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.