އަންނަ މަހުގެ 10 ގެ ކުރިން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އިތުރު ބަޔަކު ފޮނުވާލަން ނިންމައިފި އެވެ.

މިގޮތަށް ނިންމާފައި ވަނީ ރާއްޖޭގައި ތިބޭ އިންޑިއާގެ އަސްކަރިއްޔާގެ މީހުން އަނބުރާ ގެންދިއުމާއި އަދި ދެ ގައުމުގެ ގުޅުމާ ގުޅޭ އިތުރު ކަންކަމަށް މަޝްވަރާ ކުރަން އުފައްދާފައިވާ ހައި ލެވެލް ކޯ ގުރޫޕުގެ ތިން ވަނަ ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމަށްފަހު މިއަދު ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މިހާރު ބާކީ ދެ ޕްލެޓްފޯމުގައި ތިބި ސިފައިން ދެ ތާރީހެއްގައި ގެންދަން ދެ ގައުމުން މިއަދު އެއްބަސްވެފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ބެޗު އަންނަ އޭޕްރީލް 10 ގެ ކުރިން އަދި އަނެއް ބެޗު މޭ 10 ގެ ކުރިން ފޮނުވާލަން ވަނީ އެއްބަސްވެފަ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗް މި މަހުގެ ތެރޭގައި ވަނީ ގެންގޮސްފަ އެވެ. އެއީ އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރު ދުއްވަން އައްޑޫ ސިޓީ ގަމުގައި ތިބި 26 ސިފައިންނެވެ. އެ މީހުންގެ ބަދަލުގައި ހެލިކޮޕްޓަރު ދުއްވަން އިންޑިއާގެ ސިވިލިއަނުން ވަނީ ގެނެސްފަ އެވެ.

ރާއްޖޭގައި ގާއިމުކޮށްފައިވާ ތިން އޭވިއޭޝަން ޕްލެޓްފޯމެއްގައި އިންޑިއާ ސިފައިން ހަރަކާތްތެރިވަމުން ދިޔަ އެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ އޭވިއޭޝަން ޕްލެޓްފޯމްތަކުގެ ތެރެއިން 1 ޕްލެޓްފޯމުގައި ތިބި އިންޑިއާ ސިފައިން މިހާރު އަނބުރާ ގައުމަށް ގޮސްފައިވާ ކަމަށެވެ. އަދި ބާކީ އޮތް ދެ އޭވިއޭޝަން ޕްލެޓްފޯމުތަކުގައި ތިބި އިންޑިއާ ސިފައިން އޭޕްރީލް މަހުގެ 10 ވަނަ ދުވަހާއި މޭ މަހުގެ 10 ވަނަ ދުވަހު އަނބުރާ ފޮނުވާލަން ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ހައި ލެވެލް ކޯ ގުރޫޕުގެ ބައްދަލުވުމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނީ އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމުގެ އިތުރުން ވެސް ގިނަ ކަންކަމާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އެގޮތުން ދެ ގައުމު ގުޅިގެން އިގްތިސާދީ އަދި ތަރައްގީގެ ރޮނގުން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ދެ ގައުމު ގުޅިގެން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް އަވަސްކަމާއެކު ފަށައި ނިންމުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ހައި ލެވެލް ކޯ ގްރޫޕުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ރާއްޖޭގެ ފޮރިން މިނިސްޓްރީގަ އެވެ. އަދި ދެވަނަ ބައްދަލުވުން ބާއްވާފައި ވަނީ މިދިޔަ މަހުގެ ދެވަނަ ދުވަހު އިންޑިއާގެ ނިއުދިއްލީގަ އެވެ.