ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލެވޭނީ ވާހަކަ ދައްކައިގެން ކަމަށާއި އެއީ މަގުމަތިން ހާސިލް ކުރެވޭނެ ކަމެއް ނޫން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޕީއެސްއެމްގެ "ދިވެހިންގެ ރާއްޖެ" ޕްރޮގްރާމަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ އިންޑިއާއާ ވާހަކަ ނުދައްކާ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލަ ހައްލު ނުވާނެ ކަމަށެވެ. އަދި ބޭނުންފުޅު ވަނީ އިންޑިއާއާ ގާތުން ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު މި މައްސަލަ ކިހިނެއްތޯ ހައްލުކުރާނީ އިންޑިއާއާ ވާހަކަ ނުދައްކާ. އަޅުގަނޑު ހަމަ ބޭނުންވަނީ ވެސް ވީހާ ވެސް ބޮޑަކަށް އިންޑިއާއާ ގާތުން ވާހަކަ ދައްކައިގެން މި މައްސަލަ ހައްލު ކުރަން. މަގުމަތިން ހާސިލުކުރެވޭނެ ކަމެއް ނޫން މީކީ. އެހެންވެ، ރައްޔިތުން މިހާރު ވަނީ ސަރުކާރުގެ ނިޒާމުގެ ތެރެއިން މިކަން ކުރަން ނިންމާފައި،" މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލައިގައި މި ސަރުކާރާ ދެކޮޅަށް ޕީޕީއެމް/ޕީއެންސީން ވަރުގަދަ މުޒާހަރާތަކެއް މާލެ އާއި ރަށްރަށުގައި ކުރި އެވެ. އެ ހަރަކާތްތަކުގައި އެންމެ އިސްކޮށް ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރަކާ ގުޅިގެން އެ ހަރަކާތްތައް އެއްކޮށް މަޑު ޖެހުނެވެ.

އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަކީ އިންތިހާބީ ރައީސް މުއިއްޒުގެ ވައުދެކެވެ. އެމަނިކުފާނު މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ދުވަހުން ފެށިގެން އިންޑިއާ ސިފައިން ރާއްޖެ އިން ބާލަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އުންމީދު ކުރައްވަނީ ވެރިކަމުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އެކަން ވާން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އިންތިގާލީ މަރުހަލާގެ ތެރެއިން ދެ ފަހަރެއްގެ މަތިން ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ. މިހާތަނަށް އައިއިރު ވަރަށް ގިނަ ވާހަކަތައް ދެކެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ވަރަށް ސުލްހަވެރި، ވަރަށް ރީތިކޮށް ބިނާ ކުރުވަނިވި ވާހަކަތައް ދެކެވިއްޖެ. އިރާދަކުރެއްވިއްޔާ މިކަން ހާސިލް ވާނެ." މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި މިދިޔަ ސެޕްޓެމްބަރު 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ނަތީޖާ އިން އެނގިގެން ގޮސްފައި ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ނުވަތަ އެހެން ގައުމެއްގެ ސިފައިން ވެސް ބޭނުން ނުވާ ކަމެވެ. އަދި މިއީ އިންޑިއާވެގެން އުޅޭ މައްސަލައެއް ނޫން ކަމަށް ވެސް އިންތިހާބީ ރައީސް ވިދާޅުވި އެވެ.

"އެއްވެސް ގައުމެއްގެ ސިފައިން މިތަނުގައި ތިބެން ބޭނުމެއް ނުވޭ. އެހެންވީމަ އެ މަގުން އަޅުގަނޑުމެން ކުރިއަށް މިދަނީ. އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާ ވަރަށް ރަނގަޅު ވާނެ. ވަރަށް ރަނގަޅު ވާހަކަތަކެއްގެ އަލީގައި ހާސިލްވެގެން ދާނެ. މި ތަނުގައި ތިބި ސިފައިން ގެންގޮސް ދެ ގައުމު އެކީގައި ކުރިއަށް ދެވޭނެ ގޮތް ހާސިލްވާނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ރާއްޖެ އާއި އިންޑިއާއަކީ ދުރު ނުކުރެވޭނެ ގާތް ގުޅުމެއް އޮންނަ ދެ ގައުމެވެ. އަދި އިންޑިއާ އިން އެތައް އެހީތެރިކަމެއް ފޯރުކޮށްދީފައިވާ އިރު، މިހާރު ވެސް އެހީ ލިބެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެ އާއި އިންޑިއާއާ ދެމެދު ގުޅުން އޮންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.