އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކުރި ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވުމަށް ރާއްޖޭގެ ތިން ސަރަަހައްދެއްގައި ގާއިމްވެ ތިބި އިންޑިއާގެ ސިފައިންގެ ބަދަލުގައި އެ ގައުމުގެ ސިވިލިއަނުންގެ ގުރޫޕެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ޑިފެންސް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ދެ ގައުމުގެ ދެމެދުގައި ބޭއްވި މަޝްވަރާތަކަށް ފަހު، އައްޑޫ ގަމުގައި އޮންނަ ހެލިކޮޕްޓަރު އޮޕަރޭޓްކުރާ އިންޑިއާގެ ސިވިލިއަނުންގެ ޓީމު މިއަދު ހަވީރު ރާއްޖެ އައިސްފައިވާ ކަމަށާއި މިރޭގެ ވަގުތެއްގައި އައްޑު އަށް ގޮސް އޮޕަރޭޝަންތައް ޓޭކްއޯވާ ކުރާނެ ކަމަށެވެ. އަދި ކަނޑައެޅިފައިވާ ތާރީހަށް އައްޑޫގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ދިވެހިރާއްޖެ އިން ފައިބާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ރާއްޖޭގެ ތިން ޕްލެޓްފޯމެއްގައި ތިބި ސިފައިންގެ ތެރެއިން އައްޑޫގައި ތިބި ސިފައިން އަންނަ މާޗް 10 ގެ ނިޔަލަށް ފޭބުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ބާކީ ތިބި ސިފައިން ވެސް މެއި 10 ގެ ނިޔަލަށް ރާއްޖެ އިން ދިއުމަށް ވަނީ ނިންމައިފަ އެވެ.

ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ވަނީ އައްޑޫގައި އޮތް ހެލިކަޕްޓަރު މަރާމާތަށް އަނބުރާ ގެންދިއުމަށްޓަކައި، ޓެސްޓު ފްލައިޓުތަކެއް މާދަމާ އޮންނާނެ ކަމަށެވެ. އަދި އެ ހެލިކޮޕްޓަރު ގެންދިއުމަށާއި އޭގެ ބަދަލުގައި ރާއްޖޭގައި ދެން ބޭނުން ކުރާނެ ހެލިކޮޕްޓަރު ހިފައިގެން އަންނަ އިންޑިއާގެ މަނަވަރު އަންނަ ބުދަ ދުވަހު އައްޑު އަށް އަންނާނެ ކަމަށް ބުނެފައިވެ އެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ލ. ކައްދޫ އާއި ހދ. ހަނިމާދޫގައި ސްޓޭޝަން ކޮށްފައިވާ 2 ޕްލެޓްފޯމުގައި ތިބި އިންޑިއާ ސިފައިން 10 މެއި 2024 ގެ ކުރިން ފޮނުވާލުމުގެ ކަންކަން އޮމާންކަމާ އެކު ފުރިހަމަކޮށް ނިންމުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ މަޝްވަރާތަކާއި ކުރަންޖެހޭ ކަންކަން ޑިޕްލޮމެޓިކް ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ސަރުކާރުން މިދަނީ ކުރަމުންނެވެ،" ޑިފެންސް މިނިސްޓްރީގައި ބަޔާނުގައިވެ އެވެ.

ރާއްޖޭގައި ގާއިމުގެ ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.