މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ބައި މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން އަތުވެއްޖެ ކަމަށް ތަފާސްހިސާބުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ނެރުނު ޑެއިލީ އަޕްޑޭޓް ރިޕޯޓުގައިވާ ގޮތުން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައީ 506،015 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި 445،625 ޓޫރިސްޓުންނާ އަޅާބަލާއިރު 13.6 ޕަސެންޓް އިތުރު އަދަދެކެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދުތަކަށް ބަލާއިރު، މިދިޔަ މަހު ރާއްޖެއަށް ވަނީ ރެކޯޑު އަދަދަކަށް ޓޫރިސްޓުން އައިސްފަ އެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް 200،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

މިހާތަނަށް ޓޫރިސްޓުން އައިސްފައިވާ އަދަދު:

  • ޖެނުއަރީ: 192،385 ޓޫރިސްޓުން
  • ފެބްރުއަރީ : 217،394 ޓޫރިސްޓުން
  • މާޗުމަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް: 96،238 ޓޫރިސްޓުން

ތަފާސްހިސާބުތައް ދައްކާގޮތުގައި ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6،015 ޓޫރިސްޓުން އާދެ އެވެ. އަދި އެވްރެޖްކޮށް 8 ދުވަހުގެ ޗުއްޓީއެއް ހޭދަަކުރެ އެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަނީ ޗައިނާއިންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ޒިޔާރަތްކޮށްފައިވާ ޓޫރިސްޓުންގެ 11.9 ޕަސެންޓް ހިއްސާކުރަނީ ޗައިނާ ޓޫރިސްޓުންނެވެ.

އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތައް

  • ޗައިނާ : 60،243 ޓޫރިސްޓުން
  • ރަޝިއާ : 51،376 ޓޫރިސްޓުން
  • އިޓަލީ : 48،414 ޓޫރިސްޓުން

އަހަރުގެ މިހާތަނަށް ރާއްޖެއަށް 500،000 އަށްވުރެ ގިނަ ޓޫރިސްޓުން އައިއިރު، ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ ދެ މިލިއަން ޓޫރިސްޓުން ގެނެސް ޓޫރިޒަމްގެ އާ ރެކޯޑެއް ހެދޭތޯ އެވެ.