ކަންފަތް ކައިރީގައި އިން ޓިއުމަރެއް ނަގަން ޓްރީ ޓޮޕް ހޮސްޕިޓަލް (ޓީޓީއެޗް)ގެ އީއެންޓީ ޓީމުން އުނދަގޫ ސާޖަރީ ކާމިޔާބުކަމާއެކު ކޮށްފި އެވެ.
ޓިއުމަރު ނައްތާލުމުގެ އެ އޮޕަރޭޝަން ކުރިޔަށް ގެންދަނީ އެ ހޮސްޕިޓަލްގެ ސީނިއާ އީއެންޓީ ކޮންސަލްޓަންޓް ޑރ. ރާޖޭޝް އޭ ވަލަންޑް އިސްކޮށް ހުންނަވައިގެން އެ ހޮސްޕިޓަލުގެ އީއެންޓީ ޑިޕާޓްމަންޓުންނެވެ. ޕެރޮޓިޑް ޓިއުމަރުތައް ހުންނަނީ ޕެރޮޓިޑް ގްލޭންޑްތަކުގައި، ކޯކަށިގަނޑާއި ކަންފަތް ކައިރީގަ އެވެ.
ޕެރޮޓިޑް ޓިއުމަ ސާޖަރީތަކަކީ އަސްލު ޓިއުމާ ނައްތާލުމުގެ އިތުރުން މޫނުގެ ނާރުގެ މަސައްކަތްތައް ހިފެހެއްޓުމަށް ވަރަށް ރަނގަޅަށް ފުރިހަމަކުރަންޖެހޭ ޕްރޮސީޖާތަކެކެވެ. މި ސާޖަރީގެ ސަބަބުން ބަލިމީހާގެ ދިރިއުޅުމަށް ކޮސްމެޓިކް އަދި ނަފްސާނީ ގޮތުން ވަރަށް ބޮޑު އަސަރެއް ކުރެ އެވެ.
އެ ހޮސްޕިޓަލުން ބުނީ މި ސާޖަރީއަށްފަހު މޫނުގެ ހުރިހާ ނާރުގެ ގޮފިތައް ވެސް ވަރަށް ރަނގަޅަށް މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ. މި ކާމިޔާބު ނަތީޖާ ބިނާވަނީ އެ ހޮސްޕިޓަލުގައި ކުރިޔަށް ގެންދިޔަ އުނދަގޫ އީއެންޓީ ސާޖަރީތަކުގެ ތަޖުރިބާގެ މައްޗަށް ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ. އެ ހުރިހާ ސާޖަރީތައް ވަރަށް ކާމިޔާބު ކަމާއެކު ނިންމާލާފައިވާ ކަމަށް ޓީޓީއެޗް އިން ބުނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ އީއެންޓީ ޑިޕާޓްމަންޓުން މިހާތަނަށް ޕެރޮޓިޑް ޓިއުމަރުގެ އެތައް ސާޖަރީއެއް ކާމިޔާބުކަމާ އެކު ކޮށްފައިވާ އިރު، އެ ހުރިހާ ސާޖަރީއަކުން ވެސް ރަނގަޅު ނަތީޖާތަކެއް ލިބިފައިވާ ކަމަށް ބުނެ އެވެ. އަދި މިކަމުން ދޭހަކޮށް ދެނީ އެ ހޮސްޕިޓަލަކީ، ރާއްޖޭގައި މިފަދަ ހިދުމަތެއް ފޯރުކޮށްދެވޭނެ ހަމައެކަނި ހޮސްޕިޓަލްކަމުގައި ފާހަގަކުރެވޭ ކަމަށް ވެސް ޓީޓީއެޗުން ބުނެ އެވެ.
އެ ހޮސްޕިޓަލުން ބުނީ މި މައްސަލަ ދިމާވި ބަލި މީހާ މީގެ ކުރިން މާލެ ސަރަހައްދުގެ އެހެން ހޮސްޕިޓަލްތަކާ ވެސް މަޝްވަރާ ކުރުމުން އެ ސާޖަރީ ހެދެން ނެތްކަން އަންގާފައިވާ ކަމަށެވެ. އަދި ދިވެހި މުޖުތަމަޢަށް މިފަދަ މުހިންމު ޚިދުމަތެއް ފޯރުކޮށްދެވޭކަމަކީ އެ ހޮސްޕިޓަލުން ފަޚުރުވެރިވާ ކަމެއް ކަމަށާއި، ސިއްހީ ޚިދުމަތުގެ އެންމެ ފަހުގެ ކުރިއެރުންތަކާއި، ހުނަރުވެރި އަދި ތަޖުރިބާކާރު ސްޕެޝަލިސްޓުން ބަލިމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެ އެވެ.
އެ ހޮސްޕިޓަލުން ބުނީ ރާޖޭޝްއަކީ ބޮލާއި ކަނދުރާގެ ކެންސަރު، ޕެރޮޓިޑެކްޓޯމީ، ތައިރޮއިޑެކްޓޮމީ، ގުރުރިދެމުން ނުނިދޭތީ ދިމާވާ މައްސަލަތައް، ޕިންނާ ރިކޮންސްޓްރަކްޝަންގެ ހާއްސަ ފަރުވާ އާއި އީއެންޓީގެ ދާއިރާއިން ސްޕެޝަލައިޒްޑް ޑޮކްޓަރެއް ކަމަށެވެ.
އޭނާ ވަނީ އިންޑިއާގެ މުމްބާއީގެ ބޮމްބޭ ޔުނިވާސިޓީން އެމްބީބީއެސް ހާސިލްކުރުމަށްފަހު އިންޑިއާގެ މުމްބާއީގެ ބޮމްބޭ ޔުނިވާސިޓީން މާސްޓާސް އޮފް ސާޖަރީ (އެމްއެސް-އީއެންޓީ) ހާސިލްކޮށްފަ އެވެ. ރާޖޭޝް ވަނީ ބީއެސްއީއެސް މުނިސިޕަލް ޖެނެރަލް ހޮސްޕިޓަލުގެ އީއެންޓީ ކޮންސަލްޓަންޓެއްގެ ގޮތުގައި 16 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށްފަ އެވެ.